ދެވަނަ ދައުރަކަށް ރަނިންމޭޓެއް ކަނޑަނާޅުއްވާ ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

މިރޭ ނެރުއްވި ފައިސަލްގެ ބަޔޮގްރަފީ ފޮތަށް އެ މަނިކުފާނު ދެއްވި އިންޓަވިއުއެއްގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ފައިސަލް އަކީ ވަރަށް އިތުބާރު ކުރެވޭ އަދި އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ބޭފުޅެއް ކަމަށެވެ.

ކުރިން ނުދެކެވޭ އެތައް ވާހަކަތަކެއް ހިމެނޭ ފައިސަލްގެ ބަޔޯގްރަފީ ފޮތަށް ރައީސް ދެއްވި އިންޓިވައުގައި ވިދާޅުވެފައިވަނީ، އެ މަނިކުފާނާއި ފައިސަލާ ފުރަތަމަ ބައްދަލުވީ، ގާނޫނު އަސާސީ އެކުލަވައިލަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުން ކަމަށެވެ. "ސަން"ގެ އެސިސްޓެންޓު މެނޭޖިން އެޑިޓަރު އަދި ލިޔުންތެރިޔާ އަހުމަދު ސާއިލު އަލީ ލިޔުއްވި އެ ފޮތުގައި ފައިސަލްގެ ހަޔާތާ ގުޅޭ ކުރިން ނޭނގޭ އެތައް ވާހަކަތަކެއް ހިމަނާފައިވެއެވެ.

"ފައިޞަލްގެ އަމިއްލަ ދިރިއުޅުއްވުމުގެ މުހިންމު ބައެއް ވާހަކަތައް އަޅުގަނޑާ ޙިއްޞާ ކުރެއްވި. ދިރިއުޅުއްވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި ހުރަސް ކުރައްވަން ޖެހިވަޑައިގެންނެވި އުނދަގޫތައް ވެސް ޙިއްޞާ ކުރެއްވި. އެ ވާހަކަތަކުން އަޅުގަނޑަށް އެނގުނީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި ފައިޞަލް އުފުއްލެވި ބުރަ އާއި ވެވަޑައިގެންނެވި ޤުރުބާނީ،" ރައީސް ވިދާޅުވެފައި ވެއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، ފައިސަލަކީ މީހަކު ބުނާހާ ގޮތަކަށް ކަންކަން ނިންމަވާ ބޭފުޅެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަޞްލަޙަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ގޮތުގައި އެ މަނިކުފާނު ވަނީ ފައިޞަލް ސިފަ ކުރައްވައިފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ ބަޔޮގްރަފީ ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

"ޙަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް،" ރައީސް ވިދާޅުވެފައި ވެއެވެ.

"ރަޙުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް. އަދި އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް،"

ރައީސް ޞާލިޙް، ފައިސަލް ތައުރީފު ކުރައްވާފައިވާއިރު، ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނުގެ ރަނިންމޭޓެއް މިހާތަނަށް ކަނޑައަޅުއްވައިފައެއް ނުވެއެވެ. މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ގޮތުގައި، ރަނިންމޭޓުކަމަށް ޕާޓީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ނަންތައް ލިބެއެވެ.

އެކަމަކު، ވަކި ބޭފުޅެއް ނިންމަވަން ވަރަށް ބޮޑަށް ދަތިފުޅުވެފައިވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަނިންމޭޓު ކަމުގެ ވާދަވެރިކަމެއް ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ވެސް އެބައޮތެވެ. އެހެންވެ، ޕާޓީގެ ވަކި ބޭފުޅަކަށް ޓިކެޓު އެރުވުމަކީ ޕާޓީގެ މަޝްރަހް ގޯސް ވެދާނެ ކަމެކެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި، ފައިސަލް އަކީ ދިވެހި ޖުމްހޫރިއްޔާގެ ތާރީޚުގައި ދައުރެއް ހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސެވެ. މީގެ ކުރިން އެއްވެސް ނައިބު ރައީސަކަށް ދައުރު ނިމެންދެން މަގާމުގައި ނުހުންނެވެއެވެ.