04 May 2012, 01:25
ދިރާގް ދިވެހިލީގް ފުޓްބޯޅަ މުބާރާތުގައި އިއްޔެ އޭވައިއެލްއާ ދެކޮޅަށް ވީބީ އައްޑޫ އެފްސީ ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވެގެން ނިމުމުން ކުޅުމާމެދު ހިތްހަމަ ނުޖެހުން ވީބީގެ ކޯޗު ޖޭން ވަންލީ ފާޅުކޮށްފި އެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ފުރަތަމަ ނެގީ ވީބީންނެވެ. އެ ލަނޑު ވީބީއަށް ކާމިޔާބު ކޮށްދިނީ އައްސަދު އަލީ (އަޑުބަރޭ) އެވެ. އަދި އޭވައިއެލްގެ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ މޫސާ ހަސަން އެވެ.
މެޗަށް ފަހު ވަންލީ ބުނީ، ފުރަތަމަ ހާފަށް ވުރެ، ދެ ވަނަ ހާފުގައި މިސްޕާސްތަކެއް ކުޅުންތެރިންގެ ފަރާތުން ފެނުނު ކަމަށެވެ.
"އުންމީދު ކުރި ނަތީޖާއެއް ނޫން ނިކުތީ. ޓީމުގެ ކުޅުން ވަރަށް ދަށް. ގޯލްޖަހަން ލިބުނު ބޯޅަތައް ސާފު ނުކޮށްލުމުގެ މައްސަލަ ވެސްޓީމަށް ވަނީ ދިމާވެފައި. ހީނުކުރާ ވަރުގެ މިސް ޕާސްތަކެއް ފުރަތަމަ ހާފަށް ވުރެ ދެވަނަ ހާފުގައި ފެނުނު." ވަންލީ ބުންޏެވެ.
މި މެޗް ނިމުމުން ކޯޗް ވަންލީ ދެ ތިން މިނެއްޓެއް ވަންދެން، އެއްވެސް ކުޅުންތެރިޔަކާ ދިމާލަށް ބަލާވެސް ނުލައި، ކުޅުންތެރިޔަކާ ވާހަކަ ވެސް ނުދައްކާ، މަޑު މޮޅި ގޮތަކަށް ދަނޑުމަތީގައި ހުރެފައެވެ. އަދި މެޗަށް ފަހު ގަލޮޅު ދަނޑުގެ ޕްރެސް ރޫމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށްފަހު އޭނާ ހުރީ ފާޑަކަށް ގަބުވެފަ އެވެ.
އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ވީބީން މިހާތަނަށް ޖުމްލަ ތިން މެޗް ކުޅެފައި ވާއިރު، އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ ވެސް އެއް ގޯލެވެ. ތިން މެޗުން ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.
މެޗަށް ފަހު އޭވައެލްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ، މެޗުގައި އޭނަގެ ޓީމުން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި ނަތީޖާއާ މެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ގޯލްޖަހާ މެޗުގެ ލީޑް ނަގަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ފޯވާޑުންނަށް ހިފިފައި ނުވާކަމަށް ވެސް ކޯޗް އާތީ ބުންޏެވެ.
ޖުމްލަ އަށް ޓީމް ވާދަކުރާ މިލީގުގެ އެއް ވަނާގައި އަދި އޮތީން ހަ ޕޮއންޓާއެކު އޮތް ނިއުރޭޑިއަންޓެވެ.
ލީގުގައި ހުކުރު ދުވަހު ހަވީރު ބައްދަލުކުރާ ދެޓީމަކީ ވިކްޓަރީއާއި ވިޔަންސާއެވެ. މިމެޗުން ވިކްޓަރީ މޮޅުވެއްޖެ ނަމަ އެއްވަނާގައި މިވަގުތު އޮތް ނިއުރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވާނެއެވެ. މިވަގުތު ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. އަދި މާދަމާގެ މެޗަށް ވިޔަންސާ ނިކުންނައިރު އެޓީމަށް ލިބިފައި ވަނީ އެއްޕޮއިންޓެވެ.