20 Jul 2023, 08:33
އަލްޖީރިއާ ފޯވަޑް ރިޔާދް މަހްރޭޒް، ސައުދީ އަރަބިއާގެ އަލް އަހްލީއަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި 30 މިލިއަން ޕައުންޑް (39 މިލިއަން ޑޮލަރު)ގެ އަގަކަށް އަލް އަހްލީއަށް މަހްރޭޒް ވިއްކާލުމަށް ސިޓީން ވަނީ އެއްބަސްވެފައެވެ. މެޑިކަލްގައި ބައިވެރިވުމަށް އަލް އަހްލީއާއެކު ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މަހްރޭޒް ސޮއިކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ސިޓީން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާއަށް ކުރާ ދަތުރުގައި ބައިވެރި ނުވުމުގެ ހުއްދަ ވެސް ސިޓީން ވަނީ މަހްރޭޒަށް ދީފައެވެ. ސިޓީން މަހްރޭޒަށް އެ ހުއްދަ ދީފައިވަނީ އަލް އަހްލީއާ ގުޅުމުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށެވެ.
މަހްރޭޒްގެ އިތުރުން ވެސް އިނގިރޭސި ޕްރިމިއާ ލީގުން ފެނިގެންދިޔަ ފުޓުބޯޅަ ތަރިންތަކެއް އަންނަ ސީޒަނުގައި ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން ފެނިގެންދާނެއެެވެ. އެގޮތުން މިހާތަނަށް ކަލިދޫ ކުލިބާލީ އާއި އެންގޯލޯ ކަންޓޭ އާއި ރޮބާޓޯ ފިރްމީނޯ އަދި ރުބެން ނެވޭޒް ވަނީ ސައުދީގެ ކްލަބުތަކަށް ސޮއިކޮށްފައެވެ. އަދި ކުރިއަށްއޮތް ސީޒަނުގައި ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ވެސް ސައުދީން ފެނުން ގާތެވެ.
މަހްރޭޒްގެ ބަދަލުގައި ސިޓީން އެ މަގާމަށް ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތްކުރާނެއެވެ. އޭނާގެ ބަދަލުގައި ސިޓީން މަސައްކަތްކުރާނީ ބާސެލޯނާގެ ބްރެޒިލް ފޯވަޑް ރަފީނިއާ ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.