03 May 2012, 19:56
މިދިއަ މަހު ދިރާގުގެ ސަބްމެރީން ކޭބަލަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިރާގުގެ އިންޓަނެޓް ހިދުމަތް ހޯދުމުގައި ކަސްޓަމަރުނަށް ދިމާވި ދަތިތައް ބަދަލެއް ދިނުމުގެ ގޮތުން ބައެއް ކަސްޓަމަރުނަށް މި މަހުގެ ބިލް މެދުވެރިކޮށް ބިލު ބަދަލު ދޭނެ ގޮތް އެކުންފުނިން އިއުލާންކޮށްފި އެވެ.
ދިރާގުގެ ސަބްމެރިން ކޭބަލަށް މައްސަލަތަކެއް ކުރިމަތިވީ މިދިއަ މަހުގެ 18 ވަނަ ދުވަހު އެވެ. މިހާރު އެ މައްސަލަ ވަނީ ހައްލުކޮށްފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ޑިރެކްޓާ މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ ދަތިތަކާ ކުރިމަތިވި ކަސްޓަމަރުން ބިލު މެދުވެރިކޮށް ބަދަލު ދޭނެ ކަމަށާއި ބަދަލު ދޭ ގޮތުގެ ތަފުސީލެއް އޭޑީއެސްއެލްގެ ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންވާނީ ބިލުން ލިބޭ ބަދަލުގެ ތަފުސީލު އޭޑީއެސްއެލް ކަސްޓަމަރުންނަށް ފޮނުވައި ދީފައި،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ މުއާސަލާތީ ކުންފުނިން ބުނީ ކަސްޓަމަރުންނަށް ބަދަލު ހޯދައި ދިނުމަށް ތަޗްނެޓް ޕޯސްޕެއިޑް ކަސްޓަމަރުނަށް 20 ޕަސެންޓް ޑިސްކައުންޓެއް މި މަހުގެ ނިޔަލަށް ދޭނެ ކަމަށާއި ޓަޗްނެޓް ޕްރިޕެއިޑް ކަސްޓަމަރުނަށް 200 އެމްބީގެ ފްރީ އެލަވަންސެއް މިމަހުގެ 15 އާ ހަމައަށް ދޭނެ ކަމަށެވެ. އަދި ބުނީ މޯބައިލް މެދުވެރިކޮށް އިންޓަނެޓަށް ވަންނަ ފަރާތްތަކަށް ވެސް 20 ޕަސެންޓުގެ އެލަވަންސެއް ދޭން ދިރާގުން ނިންމާފައިވާ ކަމަށެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގަށް ދިމާވި މައްސަލައަކީ ދުނިޔޭގެ ހުރިހާ ގައުމުތަކުގައި ވެސް ދިމާވާ މައްސަލައެއް ކަމަށާއި އެ ފަދަ މައްސަލަ ތަކުން ސަލާމަތް ވުމަށް ދިރާގުން މަސައްކަތް ކުރާނެ ކަމަށެވެ.
ދިރާގުގެ ސަބްމެރީން ކޭބަލަށް މައްސަލަ ދިމާވެފައިވަނީ ސްރީލަންކާއާ ގާތްގަނޑަކަށް 26 ކިލޯމީޓަރު ބޭރުން ކަނޑުގެ 40 މީޓަރު އަޑިން ނަގިއްޔެއް އަޅައިގަނެގެން ނެވެ.