ކުރިން މެންޗެސްޓާ ޔުނައިޓެޑުން ފެނުނު ޑިފެންޑަރު ޖޮނީ އެވާންސް، އަލުން އެ ކްލަބާ ގުޅިއްޖެއެވެ.

އުމުރުން 35 އަހަރުގެ އެވާންސް، ކުރު މުއްދަތެއްގެ ކޮންޓްރެކްޓެއްގެ ދަށުން އެނބުރި ޔުނައިޓެޑާ ގުޅިފައިވާކަން އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މިދިޔަ ސީޒަނަށްފަހު އެވާންސް، ލެސްޓާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައިސްފައިވާ އިރު، އޭނާ ޔުނައިޓެޑާ ގުޅުމަށްފަހު ތަމްރީނުތައް ފުރަތަމަ ގެންދިޔައީ 21 އަހަރުން ދަށުގެ ޓީމާއެކުއެވެ. ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގްގެ ހާޒިރުގައި ކުރިއަށްގެންދިޔަ އެ ތަމްރީނުތަކުގައި އެވާންސް ދެއްކި ކުޅުމާ މެދު ކޯޗުންގެ ޓީމު ހިތްހަމަޖެހިފައިވާ ކަމަށް ވެސް އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޕްރީ ސީޒަން އެކުވެރިކަމުގެ މެޗެއްގައި ފްރާންސްގެ ލިޔޯންއާ ދެކޮޅަށް ކުޅޭ މެޗަކަށް ނެގި ޔުނައިޓެޑުގެ ސީނިއާ ސްކޮޑުގައި ވެސް އެވާންސް ވަނީ ހިމަނައިފައެވެ. އެ މެޗަށްފަހު އޭނާ ދެން ބައިވެރިވާނީ ޔުނައިޓެޑުގެ އެކަޑަމީން އެމެރިކާއަށް ކުރާ ޕްރީ ސީޒަން ދަތުރުގައެވެ.

އެވާންސް ދިގު މުއްދަތަކަށް ޔުނައިޓެޑުގައި މަޑުކުރާނެ ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެންމެ ފަހުން ޔުނައިޓެޑުގެ ޖާޒީގައި 2015 ވަނަ އަހަރު ފެނުނު އެވާންސް ހޯދުމަށް އެވަޓަން އާއި ސެލްޓިކް އިން ވެސް ދަނީ މަސައްކަތްކުރަމުންނެވެެ.