ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. މިފިލްމަކީ، މީގެ ތިން އަހަރުކުރިން ރާޖް ކުންދުރާ ބަރަހަނާ ފިލްމުތަކެއް އުފެއްދި މައްސަލަ ފެންމަތިވެ ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގެ ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާތައް ކިޔައިދޭ ފިލްމެކެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކޮށްފައިވާ އިންޑިއާގެ ވިޔަފާރިވެރިޔާ ރާޖް ކުންދުރާވަނީ ސައުތު މުމްބާއިގެ އާތާ ރޯޑު ޖަލުގައި 63 ދުވަސް ހޭދަކޮށްފައެވެ. މިޖަލަކީ އިންޑިއާގެ ޖަލުތަކުގެތެރެއިން ކުށްވެރިންގެ ބޮޑު އާބާދީއެއް އޮންނަ ޖަލެކެވެ. އިންޑިއާގެ މީޑިއާގެވެސް އެންމެބޮޑު ސަމާލުކަމެއް ހޯދި ރާޖު ކުންދުރާ ބަރަހަނާ ފިލްމު އުފައްދާ އެއިން ވިޔަފާރިކުރުމުގެ މައްސަލަ އަދިވެސް އޮތީ ކޯޓުގައެވެ. ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ހިތްދަތި ތަޖުރިބާތައް ކިޔައިދޭ މިފިލްމުގެ ޑައިރެކްޓަރަކީ ކޮން ފަރާތެއްކަންވަނީ ސިއްރުކޮށްފައެވެ. އެހެންނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތުން ފެށިގެން ފިލްމުގެ ސްކްރިޕްޓު ލިޔުމުގެ މަސައްކަތާއެކު މިފިލްމުގެ ހުރިހާ މަރުހަލާއެއް ރާޖު ކުންދުރާގެ ހާއްސަ ބެލުމުގެދަށުން ކުރިޔަށްގެންދަންވަނީ ނިންމާފައެވެ. މިފިލްމުގައި ބޮޑަށް ގެނެސްދޭނީ ރާޖްގެ ޢާއިލާއިން މިމައްސަލައާއި ގުޅިގެން ދުށް ގޮތާއި އެއާއިލާއަށް އެދުވަސްވަރު ދިމާވި ގޮންޖެހުންތަކެވެ. މިއީ މިމައްސަލައާއި ގުޅޭގޮތުން ރާޖް ކުންދުރާ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަ ދައްކާ އާއްމުންނަށް މިވާހަކަ ކިޔައިދޭނެ ފުރަތަމަ ފަހަރުވެސްމެއެވެ.

ރާޖު ކުންދުރާގެ މައްޗަށް ކުރެވުނު މި ތުހުމަތާއެކު ބަތަލާ ޝިލްޕާ ޝެޓީއަށާއި އާއިލާއަށް އޭގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ކުރިއެވެ. ކަފާލާތުގެ ދަށުން ރާޖު ކުންދުރާ މިމައްސަލައިން މިނިވަންވެފައިވާއިރު އޭނާ އާއްމުންގެތެރެއަށް ނުކުމެ އުޅެނީވެސް މޫނު ފޮރުވުމަށް ހާއްސަ މާސްކެއް އަޅައިގެންނެވެ. އަދި އެއްވެސްގޮތަކަށް މީޑިއާ ރިޕޯޓަރުންނާއި ރާޖު ވާހަކަދައްކައެއްވެސް ނޫޅެއެވެ. ބަތަލާ ޝިލްޕާ ޝެޓީއާއި ރާޖް ކުންދުރާގެ ކައިވެނި ކުރެވުނީ 2009ވަނަ އަހަރުއެވެ. މިކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކުވަނީ ލިބިފައެވެ.