20 Jul 2023, 08:53
މަސްތުވާތަކެތި ގެންގުޅުނު މައްސަލައަކާ ގުޅިގެން އެންމެ މަގުބޫލު ސުޕަމޮޑެލުންގެ ތެރޭގައި ހިމެނޭ ޖީޖީ ހަދީދު ހައްޔަރުކޮށްފިއެވެ.
އިނގިރޭސިވިލާތު ޓެރިޓަރީގައި ހިމެނޭ ކޭމެން އަައިލެންޑްސްއިން ޖީޖީ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. ޖީޖީ ހައްޔަރު ކޮށްފައިވަނީ އޭނާގެ ޕްރައިވެޓް ޖެޓް ބަލައި ފާސް ކުރުމުން އެއިން މަސްތުވާ ތަކެތި ފެނުމުންނެވެ.
ޖީޖީގެ ޖެޓުން ނަގާފައިވަނީ މެރުއާނާއެވެ. ކޭމެން އައިލެންޑްސްއަށް އެއީ އެތެރެކުރުން މަނާ މަސްތުވާ ތަކެއްޗެވެ.
އެ މައްސަލައިގައި ޖީޖީ ކޯޓަށް ހާޒިރުކުރުމުން ބުނެފައިވަނީ އެއީ ނިއު ޔޯކުން މެޑިކަލް ލައިސެންސަކާ އެކު ގަނެފައިވާ ތަކެތި ކަމަށެވެ. އެއީ ނިއު ޔޯކުގައި މަނާ ތަކެއްޗެއް ނޫނެވެ.
އެ މައްސަލައާ ގުޅިގެން ޖީޖީގެ އޭޖެންސީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން އަތުލައިގަނެފައިވަނީ ވަރަށް ކުޑަ އަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ. އެއީ އަމިއްލަ އަށް ބޭނުން ކުރުމަށް ގެންދިޔަ ތަކެތި ކަމަށްވުމުން އެއީ މަދުން ގެންގޮސްފައިވާ އެއްޗެހި ކަމަށް އެ ބަޔާނުގައި ބުނެއެވެ.
މި މައްސަލައިގައި ކޯޓުން ވަނީ ޖީޖީ 1،200 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އަދި އިތުރު އެއްވެސް އަދަބެއް ދީފައެއް ނުވެއެވެ.
އެއާއެކު ޖީޖީ އަދިވެސް ހުރީ ކޭމެން އައިލެންޑްސްގައެވެ. ޖީޖީ ކޭމެން އަށް ދިޔައީ އޭނާގެ ޗުއްޓީއަށެވެ. އަދި އޭނާ ދަނީ އެތަނުގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާގެ ދަތުރުގެ ކަންތައްތައް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ. އޭނާ އެ ރަށުގައި ޗުއްޓީގައި ހުންނާނީ ކިހާ މުއްދަތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.