ނެޓްފްލިކްސްއިން ދައްކާ އެންމެ ބޮޑެތި ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯ ކަމަށްވާ "އެލީޓް"ގެ އަށްވަނަ ސީޒަނެއް ނެރޭނެ ކަމަށް ނެޓްފްލިކްސް އިން އިއުލާނުކޮށްފިއެވެ.

މަޝްހޫރު ސްޕެނިޝް ޝޯ އެލީޓްއަށް ނެޓްފްލިކްސް އިތުބާރު ކުރާ މިންވަރު ވަރަށް ބޮޑެވެ. އެއީ މީގެ ކުރީން ޝޯގެ ދެ ސީޒަނެއް އެކީގައި ރިނިއުކޮށްފައި އަނެއްކާ މިހާރު އެވަނީ ޝޯގެ އަށް ވަނަ ސީޒަނަށް ރިނިއު ކޮށްފައެވެ.

ޝޯގެ ހަތްވަނަ ސީޒަން މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރިލީޒްކުރުމަށް ތައްޔާރުވާއިރު މިހާރު އަށް ވަނަ ސީޒަންގެ މަސައްކަތް ވަނީ ފަށާފައެވެ.

މި ޝޯގެ ކޮންމެ ސީޒަނެއްގައި ވެސް އާ ކެރެކްޓަރުންތަކެއް ތައާރަފުކުރާނެއެވެ. އެގޮތުން ހަވަނަ ސީޒަނުގައި ވަނީ މުޅިން އާ ފަސް ކެރެކްޓަރުން ޝޯއަށް ތައާރަފުކޮށްފައެވެ. ނަމަވެސް މި އަހަރު ނެރޭ ހަތްވަނަ ސީޒަން ހާއްސަ ވަނީ ޝޯގެ އޮރިޖިނަލް ކާސްޓް މެމްބަރެއް އެނބުރި އަންނާތީއެވެ.

ޝޯގެ އަށްވަނަ ސީޒަން ވެސް ހާއްސަ ވަނީ އެ ސަބަބާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މައުލޫމާތު ލިބޭ ގޮތުގައި އަށް ވަނަ ސީޒަންގައި އެނބުރި އަންނާނީ ޝޯގައި "ނާދިއާ"ގެ ރޯލުން ފެނުނު މިނެލް ހަމާނީއެވެ.

ޝޯގެ ތިންވަނަ ސީޒަނަށް ފަހު ޝޯގެ މަގުބޫލުކަން އަންނަނީ ކުޑަވަމުންނެވެ. އެގޮތުން ޝޯ ފެށިއިރު މައިގަނޑު ކާސްޓުންގެ ގޮތުގައި ތިބި ގިނަ އެކްޓަރުން ވަނީ އެކި ސީޒަންތަކުގެ މަތީން މިހާރު ގޮސްފައެވެ. އެހެންވީމާ ކުރީގެ ކާސްޓުންނާ އެކު ޝޯގެ މަގުބޫލުކަން އިތުރުވާނެ ކަމަށް ޝޯގެ ޕްރޮޑަކްޝަނުން ގަބޫލުކުރެއެވެ.