20 Jul 2023, 09:03
މި އަހަރު އަޅުވާ އެންމެ ބޮޑު ދެ ފިލްމު ކަމަށްވާ "ބާބީ" އާއި "އޮޕެންހައިމާ"ގެ ރިވިއުތަކާއި ރޭޓިންތައް ކްރިޓީކުން އާންމުކުރަން ފަށައިފިއެވެ.
މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ދެފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ 21 ވާ ހުކުރު ދުވަހުގައެވެ. ބޮޑު ދެ ފިލްމު އެއް ދުވަހެއްގައި ޕްރިމިއާ ކުރާތީ މި ފިލްމު އިވެންޓަށް ވަނީ "ބާބެންހައިމާ" ނަން ވެސް ދެވިފައެވެ.
ކްރިޓީކުންގެ މެދުގައި ކޮންމެއަކަސް މި ދެ ފިލްމަށް ބޮޑު މަގުބޫލުކަމެއް އެބަ އޮތެވެ. އަދި، ދެ ފިލްމުވެސް ގިނަ ބަޔަކަށް ވަނީ ކަމު ގޮސްފައެވެ. ރޮޓެން ޓޮމާޓޯސްގެ ރޭޓިންތަކަށް ބެލި ނަމަވެސް އެކަން އެނގެއެވެ.
ރޮޓެން ޓޮމާޓޯސްގައި ބާބީއަށް ވަނީ 144 ކްރިޓީކުންގެ ރިވިއު ލިބިފައެވެ. މި ކްރިޓީކުންގެ ރިވިއުތަކުން ބާބީއަށް 89 ޕަސެންޓްގެ ރޭޓިން އެއް ލިބެއެވެ. އަދި އޮޕެންހައިމާ އަށް 100 ކްރިޓީކުންގެ ރިވިއު ލިބިފައިވާއިރު މި ފިލްމަށް ލިބިފައިވަނީ 94 ޕަސެންޓެވެ.
https://twitter.com/YongYea/status/1681710805572812801
ގްރެޓާ ގާވިގްގެ ބާބީ އަކީ އޭނާ އަމިއްލަ އަށް ޑައިރެކްޓް ކުރާ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ކޮމެޑީ ފިލްމެވެ. ނަމަވެސް ގްރެޓާގެ ފިލްމުތަކަކީ އަބަދުވެސް ވަރަށް ގިނަ ބައެއްގެ މެދުގައި ލޯބި ހޯދާ ފިލްމުތަކަކަށް ވުމުން ބާބީ ވެސް މޮޅު ފިލްމަކަށް ވުން އެކަށީގެންވެއެވެ.
ކްރިސްޓޮފާ ނޯލަންގެ އޮޕެންހައިމާ އަކީ ހިސްޓޮރިކަލް ޑްރާމާއެކެވެ. ނޯލަން އަކީ ފިލްމު އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. މިއީ ނޯލަން އަށް އާ ޖާންރާއަކަށް ނުވެދާނެއެވެ. ނަމަވެސް ނޯލަންގެ ފިލްމުތަކަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ފިލްމުތަކެކެވެ.