ކުރީގެ ބަތަލާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމުމާ ގުޅިގެން ފިލްމު ގެނެސްދޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރުމަށް މީނާ ކުމާރީގެ ޢާއިލާއިން ނިންމައިފިއެވެ.

ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތްރާ އަލަށް ޑައިރެކްޓްކުރާ މިފިލްމު އިއުލާނުކޮށްފައިވަނީ މިދިޔަ ހަފުތާގެތެރޭގައެވެ.

ފިލްމު އިއުލާނު ކުރެވުމާއެކު ކުރީގެ ބަތަލާ މީނާ ކުމާރީގެ ފިރިމީހާ ކަމަލް އަމްރޯހީގެ ދަރިފުޅު ތަޖުދާރު އަމްރޯހީވަނީ މަނިޝްއާއެކު ބަތަލާ ކްރިތީ ސެނޮންގެވެސް މައްސަލަ ކޯޓަށް ހުށަހަޅާނެކަމުގެ އިންޒާރު ދީފައެވެ.

ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރާ ފަރާތް މެދުވެރިކޮށް ތަޖުދާރު ބުނެފައިވަނީ، މީނާ ކުމާރީގެ ޙަޔާތާބެހޭ ވާހަކަތައް އާއިލާގެ ހުއްދަނެތި ގެނެސްދިނުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެންނުވާކަމަށެވެ. މީނާ ކުމާރީއާއި ބައްޕަ ކަމަލް އަމްރޯހީގެ ކައިވެނީގެ ހަޤީޤަތް ހަމައެކަނި އެނގޭ އިތުރު އެހެން ފަރާތެއް ތަޖުދާރު ނޫނީ ނުހުންނާނެކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ތަޖުދާރު ޗޯޓީ އައްމީގެ ނަމުން މުޚާތަބުކުރާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމުގެ އެންމެބޮޑު އެއްބޭނުމަކީ، އެ ނަން ބޭނުންކޮށްގެން ބޮޑު އާމްދަނީއެއް ހޯދުމެވެ. މިއީ ފިލްމު ގެނެސްދޭ ކުންފުނިތަކުން އަމިއްލަ އެދުން އިސްކޮށްގެން ހިންގާ ޖަރީމާއެއްގެގޮތުގައި ތަޖުދާރުވަނީ މި ބައޯޕިކް ސިފަކޮށްފައެވެ.

ތަޖުދާރު އަމްރޯހީއަކީ މީނާ ކުމާރީގެ ފިރިމީހާ ކަމަލް އަމްރޯހީގެ ދެވަނަ ކައިވެންޏަށް ލިބުނު ތިން ކުދިންގެތެރެއިން އެކަކެވެ. މީނާ ކުމާރީގެ ކައިވެންޏާއެކު ކަމަލް އަމްރޯހީ ހަތަރު ކައިވެންޏެއް ކުރިއެވެ.

މީނާ ކުމާރީއާއި ކަމަލް އަމްރޯހީގެ ކައިވެންޏަށް ދަރިއަކު ނުލިބެއެވެ. ތަޖުދާރުއާއެކު އޭނާގެ ދައްތަވެސްވަނީ މަނިޝް މަލްހޯތްރާ އާއި ބަތަލާ ކްރިތީ ސެނޮން ގޮވައިގެން ކޯޓަށް ދިއުމަށް ނިންމާފައެވެ. އަދި ވަރަށް އަވަހަށް އެމީހުން ވަކީލުގެ ލަފަޔާއެކު މިމައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް ތަޖުދީރުވަނީ ބުނެފައެވެ.