20 Jul 2023, 09:29
އެޕަލްގެ އެންމެ މޮޅު ފަސް އައިފޯން މާކެޓުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާ ހިމެނިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާގައި އެޕަލްގެ ވިޔަފާރި ރަނގަޅު ވެފައިވާއިރު، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި، އެޕަލްގެ ސީއީއޯ ޓިމް ކުކް ދެކެނީ އިންޑިއާގެ މާކެޓަކީ ވަރަށް ނާޒުކު މާކެޓެއްގެ ގޮތުގައެވެ. އޭނާ ވަނީ އިންޑިއާގައި އެ ކުންފުނީގެ ޑިސްޓްރިބިއުޝަން އަދި މާކެޓިން ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ކުއާޓަރުގައި އައިފޯންގެ ފަސްވަނައަށް އެންމެ ބޮޑު މާކެޓުގެ ގޮތުގައި އިންޑިއާ މި ވަނީ ހިމެނިފައެވެ.
މިފަދަ ދިރާސާތައް ކުުރުމުގައި މަޝްހޫރު ރިސާޗް ފާމެއް ކަމުގައިވާ ކައުންޓާޕޮއިންޓް ރިސާޗުން އަންގާރަ ދުވަހު ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ ޖޫން ކުއާޓަރުގައި އައިފޯން ވިއްކުމުގައި އެޕަލްއަށް އިންޑިއާއިން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޖަރުމަނާއި ފްރާންސް ފަހަތަށް ޖައްސާލައި، އިންޑިއާ ވަނީ މިހާރު އިނގިރޭސިވިލާތާއި، ޖަޕާން، ޗައިނާ އަދި އެމެރިކާއަށް ފަހު އެންމެ ބޮޑު މާކެޓްގެ މަޤާމް ހޯދާފައެވެ. މިއީ އައިފޯން ވިއްކުމުގައި އެޕަލްގެ އެންމެ މޮޅު ފަސް މާކެޓުގެ ތެރޭގައި އިންޑިއާ ހިމެނުނު ފުރަތަމަ ފަހަރެވެ.
ދެވަނަ ކުއާޓަރުގައި އައިފޯން ވިއްކާ މިންވަރުގެ ހަތަރު ޕަސެންޓާ ގާތްކުރާ އަދަދަކަށް ހިއްސާކޮށްފައި ވަނީ އިންޑިއާއިން ކަމަށް ރިސާޗް ފާމުން ބުނެއެވެ. އައިފޯން ވިއްކާފައިވާ ސީދާ އަދަދު ހާމަނުކުރި ނަމަވެސް އަހަރުން އަހަރަށް ބަލާއިރު 50 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކައުންޓަޕޮއިންޓް ރިސާޗުން ބުނީ ޖޫން މަހުގެ ނިޔަލަށް އިންޑިއާގެ ޖުމްލަ ސްމާޓްފޯން މާކެޓުގައި އެޕަލްގެ މާކެޓް ހިއްސާ 5.1 އިންސައްތައަށް އަރާފައިވާ ކަމަށާއި މިދިޔަ އަހަރުގެ މި މުއްދަތުގައި އެޕަލްއަށް ލިބިފައިވަނީ 3.4 އިންސައްތަ ކަމަށެވެ.
ޗައިނާއަށް ބަރޯސާވުން ކުޑަ ކުރުމަށް ބުނެ މިދިޔަ އޭޕްރީލް މަހު އެޕަލްއިން އިންޑިއާގައި ފުރަތަމަ ފަހަރަށް ފިޒިކަލް ސްޓޯރުތަކެއް ވެރިރަށް ދިއްލީ އާއި އާބާދީ ބޮޑު މުމްބާއީގައި ވަނީ ހުޅުވާފައެވެ.