19 Jul 2023, 22:03
ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މޮނީޓާ ކުރުމާއި އޮބްޒާވް ކުރުމުގެ ޝައުގުވެރިކަން ހުރި މީހުން ފޯމު ލުމަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ކުރި އިއުލާނެއްގައި ވަނީ، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 13 އޮގަސްޓް ވާ އާދިއްތަ ދުވަހު ކަމަށެވެ.
އިންތިޚާބް އޮބްޒާވް ކުރުމާއި މޮނީޓާ ކުރަން އެދޭ މީހުންގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭ)ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުން މިއަދުން ފެށިގެން އޮގަސްޓް 13 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00އާ ހަމައަށް ކުރިއަށް ދާނެއެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ފޯމު ބަލައިގަންނަނީ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ވެސް ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭ ގެޒެޓުން ލިބޭނެއެވެ.
ރިޔާސީ އިންތިޚާބަށް 60 ދުވަހަށް ވެފައި ވާއިރު, ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރެޖިސްޓްރީ ވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި މުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.
މިއަހަރުގެ އިންތިޚާބުގައި ވޯޓު ލުމަށް 604 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. ނަމަވެސް، ރީރެޖިސްޓްރޭޝަނަށް ފަހު މި މުއްދަތައް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.