ޕްރޮގުރަސިވް ޕާޓީ އޮފް މޯލްޑިވުސް(ޕީޕީއެމް) އިން މިދިޔަ މަހު 27 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް އެ ޕާޓީގެ ގައުމީ ޖަލްސާ މި އަހަރު ސެޕްޓެމްބަރު މަހުގެ 13،14،15 އަށް ފަސްކޮށްފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީ ރަޖިސްޓުރީ ކުރާ ދުވަހުން ފުށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން ޖެހޭ ކަމަށާއި ނަމަވެސް ދިމާވި ބައެއް ސަބަބުތަކާ ހުރެ ގައުމީ ޖަލްސާ ލަސްކުރަން ޖެހުނީ ކަމަށެވެ.

"ޕާޓީގެ އިންތިގާލީ މަރުހަލާގައި ގައުމަށް ދިމާވި ބޮޑު ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމީ ޖަލްސާ ބޭއްވުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަ ކުރެވޭނެ ކަމަށް ނުފެންނާތީ ޕާޓީގެ އިންތިގާލީ ކައުންސިލްގެ 17 ވަނަ ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާގުން ފަސްކޮށްފައި ވާނީ ގައުމީ ޖަލްސާ ލަސްކުރުމަށް" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ އަވަސް އިންތިހާބެއް ބާވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ޑރ. ވަހީދުގެ ސަރުކާރަކީ ގާނޫނީ ހަމަތަކުގެ މަތިން އައިސް ފައިވާ ސަރުކާރެއް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ ޕާޓީގެ ސެކެޓުރީ ޖެނެރަލް ދުންޔާ މައުމޫން ވިދާޅުވީ އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ 17 ވަނަ ބައްދަލުވުމުގައި ޕާޓީގެ މީޑިއާ ކަންތައްތައް ކޯޑިނޭޓް ކުރުމަށް އަބްދުއްﷲ ޝިނާން ހަމަޖެއްސެވި ކަމަށާއި އަދި މެމްބަޝިފް ކަންތައްތައް ހަމަޖެއްސެވުމަށް ތިން މެމްބަރުންގެ ކޮމެޓީއެއް ހޮވާފައިވާ ކަމަށެވެ.

"މި ތިން މެމްބަރުންގެ މަގުސަދަކަށް ވާނީ މެމްބަރުން އިތުރު ކުރުމާއި މެމްބަރުންގެ މެމްބަޝިޕް ކަންތައްތަށް ހަރުދަނާ ކުރުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މިރޭ އެ ޕާޓީގެ ޖަލްސާއެއް އާޓިފިޝަލް ބީޗުގައި ކުރިއަށް ދާނެ ކަމަށާއި އެ ޖަލްސާގައި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.