ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގް އެގައުމުގެ ޑިޕްލޮމެޓިކް އެއްވެސް ހަރަކާތަކުންވެސް އަދި އެނޫންގޮތަކަށް ނުފެންނަތާ ދުވަސްތަކެއް ވެއްޖެކަމަށް ބުނެ އޭނާ "ގެއްލިފައިވާ" ކަމަށް ހުޅަނގުގެ ނޫސްތަކުން ޕްރޮޕަގެންޑާތައް ވަނީ ކުރަން ފަށައިފައެވެ.

އެމެރިކާއާއި ޔޫރަޕްގެ މަޝްހޫރު ނޫސްތަކާއި ސީއެންއެން، ބީބީސީ އަދި ފޮކްސް ނިއުސް ފަދަ ހުޅަނގުގެ ޓީވީ ޗެނެލްތަކުންވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގް އެއްވެސް ހަރަކާތަކުން ނުފެންނަތާ ވިއްސަކަށް ދުވަސްވެފައިވާ ކަމަށް ބުނެ އޭނާ "ގެއްލިފައިވާ" ކަމަށް ބުނެ އެކަމުގެ ފަހަތުގައިވަނީ ޗައިނާ ސަރުކާރުކަން ދޭހަވާގޮތަށް ރިޕޯޓްތައް އާންމުކޮށްފައެވެ.

އުމުރުން 57 އަހަރުގެ ޗިންއަކީ އެމެރިކާގައި ކުރިން ހުންނެވި ޗައިނާގެ ސަފީރެވެ. އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ގިނައިން ފާޑުވިދާޅުވެ ރައްދު ދެއްވާ ޗިން ޚާރިޖީ ވަޒީރުކަމުގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުއެވެ.

ޗައިނާގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން، ޗައިނާގެ އިސް ބައެއް މަސްއޫލުވެރިން ނުފެނިދާ ދުވަސްތައް ނުވަތަ "ގެއްލޭ ދުވަސްތައް" ދެއެވެ. ޗައިނާގެ ބައެއް މަސްއޫލުވެރިން މިގޮތަށް "ގެއްލުމަށްފަހު" އަލުން ފެނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ޗައިނާގެ ބައެއް އިސް މަހުޖަނުންވެސް "ގެއްލުމަށްފަހު" ފެނެއެވެ. މިފަދަ ބައެއް ބޭފުޅުން "ގެއްލުމަށްފަހު" ފެންނައިރު އެބޭފުޅުންނާ ދެކޮޅަށް އަދަބު ދިނުމުގެ ބައެއް ފިޔަވަޅުތައް އެޅުމުގެ ހާލަތްތައް ޗައިނާއިން ފެނިފައިވެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންވެސް މީގެ އަހަރުތަކެއް ކުރިން ކުޑަދުވަސްކޮޅަކު ނުފެނި ދިޔައެވެ. ނުވަތަ ގެއްލުނެވެ. އެ ފަހަރު ހުޅަނގުގެ މީޑީއާތަކުންވަނީ ޗައިނާގައި ޒައާމަތުގެ ކޯޅުމެއް އުޅޭކަމަށް ބުނެ ޕްރޮޕަގެންޑާތައް ފަތުރާފައެވެ. ނަމަވެސް ޗައިނާގެ ޒަޢާމަތަށް އެއްވެސް ލޮޅުމެއް ނާރައެވެ. އަދި ޝީގެ ސިއްހީ ހާލުކޮޅު ދެރަވުމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.

ޗިންއަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެކެވެ. ޚަބަރު ފަތުރާ ހުޅަނގުގެ ވަސީލަތްތަކަކީ ނުވަތަ ހުޅަނގުގެ މީޑިއާއަކީ ހުޅަނގާ އިދިކޮޅު ގައުމެއްގެ އިސްވެރިއަކު ފެނުން މަދުވިޔަސް އެމީހަކު "ގެއްލުވާލީ" ކަމަށް ހަދައިގެން ޕްރޮޕަގެންޑާތައް ފެތުރުމުގައި ނަން މަޝްހޫރު މީޑިއާ ތަކެކެވެ.

ރަޝިއާގެ ކުލީ ސިފައިންގެ ޖަމާއަތެއްކަމަށްވާ ވެގްނާ ގްރޫޕްގެ ވެރިޔާ ޔެވްގޭނީ ޕްރޮމޮޖިން ދާދިފަހުން ރަޝިއާ ސަރުކާރާ ދެކޮޅަށް ނުކިޔަމަންތެރިކަން ދައްކައި ރަޝިއާގެ ދިފާއީ ވަޒީރު ސަރްގީ ޝޫވީގޯ ހައްޔަރުކުރަންޖެހޭ ކަމަށް ވިދާޅުވެ ޝްވީގޯއަށް ބަހުގެ ހަމަލާތައް ދެއްވައި ރަޝިއާ ސިފައިންގެ ލަޝްކަރުތަކަށް ގޮންޖަހައި ހެދުމަށްފަހު ކުއްލިގޮތަކަށް އަމާންދީ ނުކިޔަމަންތެރިކަން ނިމުމަކަށް ގެނައުމާއެކު ހުޅަނގުގެ ނޫސްތަކާއި ޓީވީތަކުންވަނީ އޭގެފަހުން ޝްވީގޯ ނުފެންނަކަމަށާއި ޝްވީގޯ "ގެއްލިފައިވާ" ކަމަށް ބުނެ ޕްރޮޕަގެންޑާތަކެއް ފަތުރާފައެވެ.

ހުޅަނގުގެ މި ޕްރޮޕަގެންޑާތަކުން ދައްކަންބޭނުންވި މަންޒަރަކީ ވެގްނާ ގްރޫޕުގެ ލީޑަރު ރަޝިއާ ސަރުކާރާ ދެކޮޅަށް ނުކިޔަމަންތެރިކަން ދައްކައި ބަޣާވާތްކުރީ ޝްވީގޯގެ ސަބަބުންކަމަށް ދައްކައި އެކަމުގެ އަދަބެއްގެ ގޮތުން ޝްވީގޯ މަގާމުންދުރުކޮށް އޭނާއަށް އަދަބު ދިނުމަށް ޕޫޓިން ނިންމެވުމުން އޭނާ ގެއްލިގެން އުޅެނީ ކަމުގައެވެ. އަދި މިއީ ރަޝިއާގެ އިސްވެރިންގެ މެދުގައި ބައިބައިވުން އުފެދިފައިވާ މިންވަރުކަމަށް ދައްކައި އެކަން ދުނިޔެއަށް ހާމަކުރުމަށެވެ.

ނަމަވެސް ހުޅަނގުގެ މީޑިއާތަކުން ޕްރޮޕަގެންޑާތައް ފެތުރިތާ އެއްދުވަސްފަހުން ޝްވީގޯ ފެނުމުން ހުޅަނގުގެ މިޕްރޮޕަގެންޑާތައްވަނީ ބޭޒާރުވެފައެވެ. މިކަމުން އެނގުނީ ހުޅަނގުން ޕްރޮޕަގެންޑާތައް ފަތުރަނީ އެއްވެސް މައުލޫމާތެއް ނެތި ވަރަށް ގެލެރިގޮތެއްގައިކަމެވެ. ނަތީޖާއަކީ ދުނިޔޭގެ ކުރިމަތީގައި ހުޅަނގުގެ މަޝްހޫރު ނޫސްތަކާއި ޓީވީތަކުގެ އަގު ވެއްޓިގެން ދިޔުމެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ފާޚާނާ ހޯއްދެއްވުމަށް ރޭގަނޑު ދަންވަރު ގިނިކަންޏާ ވައިޓް ހައުސްގެ ގޯތި ތެރޭގައި ހިންގަވާ ކަމަށްވޭ

ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިންއަށް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިފައިވާކަމަށް ބުނެ މިދިޔައަހަރުން ފެށިގެން ހުޅަނގުގެ މީޑިއާތަކުން ގެންދަނީ ޕްރޮޕަގެންޑާތައް ފަތުރަމުންނެވެ. ނަމަވެސް އެ ޕްރޮޕަގެންޑާތަކުގެ ސައްހަކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ހުޅަނގުގެ މީޑިއާތަކަށް އަދި ހުޅަނގުގެ ޖާސޫސީ އިދާރާތަކަށްވެސް ނުދެއްކޭއިރު އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސިއްހީ ހާލުކޮޅު އެއަށްވުރެ މާ ދެރައެވެ.

ބައިޑެން އުޅުއްވަނީ ބައެއްފަހަރު ވާނުވާވެސް ނޭނގޭ ހާލަތުގައެވެ. ބައިޑެން މުސްކުޅި ބަލީގެ ޝިކާރައަކަށްވެ ދެއްކޭ ނުދެއްކޭ ވާހަކަތައް ނޭނގޭ ހިސާބަށް ވަރަށް ގިނަ ފަހަރު ދާއިރުވެސް ހުޅަނގުގެ ނޫސްތަކުން އެކަން މާބޮޑުކަމަކަށް ނުހަދައެވެ. ވައިޓް ހައުސްގެ ޑޮކްޓަރުވެސް ވިދާޅުވަނީ ބައިޑެންގެ ސިއްހީ އެއްވެސް މައްސަލައެއްނެތްކަމާއި އޭނަ ވަރަށް ފިޓްކަމުގައެވެ.

ނަމަވެސް ފާޚާނާ ހޯދުމަށް ޓަކައި ބައިޑެން ރޭގަނޑު ދަންވަރު ވައިޓް ހައުސްގެ ގޯތިތެރޭގައި ހިންގަވާ ކަމަށްވެއެވެ. މިދިޔަ ހަފުތާގައި ބައިޑެން ޔޫރަޕަށް ކުރެއްވި ދަތުރުފުޅުގައި ފިންލެންޑްގެ ވެރިރަށް ހެލްސިންކީން ފުރާވަޑައިގަތުމަށްޓަކައި އެއާފޯސްވަން މަތިންދާޓަށް އެރުއްވުމުގެ ކުރިން އޭނާއަށް އަލްވަދާއު ކިޔުމަށްޓަކައި އެއާޕޯޓްގައި ތިބި ބަޔަކާ ސަލާމް ކުރެއްވިއިރުވެސް ބައިޑެންވަނީ ވަރަށް އާދަޔާ ޚިލާފު ކަމެއް ކުރައްވާފައެވެ.

އެއީ އޭނާ ކުޑަ އަންހެން ކުއްޖަކާ ސަލާމްކޮށް އެކުއްޖާއާ ލޯބިކޮށްލެއްވުމުގެ ގޮތުން ކުރެއްވި ކަމެއްގެ ސަބަބުން ބައިޑެން އުޅުއްވީ އެއަންހެންކުއްޖާގެ ކޮނޑުގައި ދަތްއަޅަން ކަމަށް ހީވެގެން އެއަންހެން ކުއްޖާ ބިރުން ހަޅޭލަވަން ފެށުމެވެ. ބައިޑެންގެ ދެކެ ބިރުގަނެ ރޯންފެށުމެވެ. އެކުއްޖާއާ ލޯބިކޮށްލަން ބައިޑެން އަށް އުޅުއްވެވުނު ގޮތުންނެވެ. ދަތްއަޅަން އުޅޭފަދަ ގޮތަކަށް ބޭއިޚްތިޔާރުގައި ބައިޑެންއަށް އުޅުއްވިގެންނެވެ.

މިކަމުގެ ސަބަބުންވެސް ބައިޑެންވަނީ ވަރަށް ބޮޑަށް ފަޟީހަތްވެފައެވެ. ނަމަވެސް މިކަންވެސް ހުޅަނގުގެ މިޑިއާތަކުން މާބޮޑުކަމަކަށް ނުހެދިއެވެ. ބައިޑެން ދެއްވާ ތަގުރީރުތަކުގައި ކުށް ވިދާޅުވުންވެސް ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ.

ދާދިފަހުން ބައިޑެން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އިނގިރޭސި ރަސްގެފާނު ޗާލްސް، ބައިޑެންގެ އިސްތިގްބާލުގައި ބޭއްވި ގާޑް އޮފް އޮނާގައިވެސް ބައިޑެންވަނީ ހަދާނެ ނަހަދާނެ ގޮތެއް ނޭނގި އުޅުއްވާފަދަ ގޮތަކަށް އުޅުއްވާފައެވެ. ޗާލްސްގެ ގައިކޮޅުގައި ބައްދައި ޗާލްސްގެ ބުރަކަށީގައި ހިފެހެއްޓުންފަދަ ޑިޕްލޮމެޓިކްކަން އެއްވެސް ވަރަކަށް ނުދަންނަ މީހުން އުޅޭގޮތަށް އަމަލުތައް ބަހައްޓަވާފައެވެ.

ގާޑު އޮފް އޮނާގައިވެސް ބައިޑެންވަނީ ޗާލްސް އާ އެއްހަމައެއްގައި ހިންގެވުމުގެ ބަދަލުގައި ޗާލްސްގެ ކުރިޔަށް އަރުއްވައި ޗާލްސް ފަހަތުގައި ބަހައްޓައިގެން ހިންގަވައި ޑިޕްލޮމެޓިކްކަންކަމާ ވަރަށް ބީރައްޓެރި ބޭފުޅެއް ގޮތަށް އަމަލުތައް ބަހައްޓަވާފައެވެ. ނަމަވެސް ހުޅަނގުގެ މަދު ނޫހަކުން މެނުވީ މިކަންކަން ފާހަގަކޮށްފައެއް ނުވެއެވެ.