ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ހއ. އުލިގަމުގައި އާމަރީއެއް އަޅަން އެކުލަވާލި 'ގޮތް ނޭނގޭ' އެއްބަސްވުމަކާ ހެދި ބޭރު ކުންފުންޏަކުން އޮތީ ދައުލަތާ ދެކޮޅަށް ދައުވާކުރާ ހިސާބުގައިކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިިޔާސީ ކެމްޕޭނަށް ހއ. އުލިގަމުގައި ހުންނަވައި އެ ރަށް ޓޫރިޒަމަށް ތަރައްގީކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޓޫރިޒަމަށް ރަށް ތަރައްގީނުކުރެވުނީ ކުރީ ސަރުކާރުން ހަދައިފައި އޮތް ގޮތް ނޭނގޭ އެއްބަސްވުމަކާ ހެދި ކަމަށެވެ.

ރައީސް ވިދާޅުވީ ރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ޔަގީންވެފައި ވާކަމަށެވެ. އަދި ބަނދަރެއްގެ މަސައްކަތް ފެށޭއިރު މިއީ ޓޫރިޒަމަށް ރަށް ފައްކާވުމަށް ގުޅިފައި ހުރި މުހިންމު ޚިދުމަތްތައްކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން މި ތަނަށް އިންވެސްޓްމަންޓުތައް އަންނާނެ. އެ ދުވަހު ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް އުލިގަމުގައި ހޮޓާ އަޅަން އޮތް ބިން އަޅުގަނޑުމެން ކައުންސިލާ ހަވާލުކުރިން. މިއަދު އަޅުގަނޑު ހިތުން ދެ ބިމެއްވަނީ ކުއްޔަށްދީ އޭގެ އާމްދަނީ ލިބެން ކައުންސިލަށް ފަށައިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އުލިގަމުގައި ޓޫރިޒަމަށް ޚިދުމަތް ފަހިކުރަން ދަތިތަކަކާ ކުރިމަތިވިކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކުރީ ސަރުކާރުން އަމަލުކޮށްފައި އޮތްގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

'ބޭރު ބަޔަކާއެކީ ގުޅި މި ތަނުގައި އާމަރީއެއް ހަދައި، މި ތަނުން ދަތުރުކުރެވޭ ދަތުރުފަހަރަށް އޭގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުގައި ކޮށްފައި އޮތް އަޑި ނޭނގޭ އެއްބަސްވުމެކޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެ،" ރައީސް ވިދާޅުވިިއެެވެ.

އެ މަނިކުފާނު ވިދާޅުވީ އެ އެއްބަސްވުން ބާތިލްކުރަން ސަރުކާރަށް ގިނަ ގޮންޖެހުންތަކެއް ދިމާވި ނަމަވެސް މިއަދު އެ އެއްބަސްވުން ނިކުމަކަށް ގެނެވިފައި ވާކަމަށެވެ.

ނަމަވެސް މިއަދު ވެސް އެ ކުންފުނިން އޮތީ ދިވެހި ސަރުކާރާ ދެކޮޅަށް "ކޯޓަށް ދާ ހިސާބުގައި" ކަމަށް ރައީސް ވިދާޅުުވިއެވެ. ރައީސް ވިދާޅުވީ އެއީ ފެންނަން ވެސް ނެތް އެގްރިމަންޓެއް ކަމަށެވެ.

"ސަރުކާރު އަތުގައެއް ނެތް. އެހެންނަމަވެސް އެ ކުންފުނީގައި އެބައޮތް އެ އެގްރީމަންޓް. އެންމެފަހުން ޕޮލިހަށް ގޮސް އެ ބެލިއިރުގައި ސޮއިކޮށްފައި އޮތީ އަސްލު މީހާކަމަށް އެބަ ޔަގީންކުރެވޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނުނީ ކައުންސިލުން ރައްޔިތުން އެދޭ ގޮތަށް އެ އެގްރިމަންޓް ބާތިލްކޮށްފައި ކައުންސިލާ އެތަން ހަވާލުކުރަން. ޓޫރިޒަމްގެ މަސައްކަތަށް އެ ތަން ދޫކުރަން،" ރައީސް ވިދާޅުވިއެވެ.

އުލިގަމު ރައްޔިތުން މީގެ ކުރިން އެދުނު ގިނަ މަޝްރޫތަކެއް ނިމިފައި ވާކަމަށް ވިދާޅުވެ ބަނދަރު މަޝްރޫއު މިހާރު އެމްޓީސީސީއަށް ކޮންޓްރެކްޓުކުރެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

ބަނދަރު ތަރައްގީކޮށް ނިމޭއިރު، ރައްޔިތުން އެދުނު ފަދައިން ޔޮޓު ފަހަރު ބަނދަރުކުރެވޭނެ ޖާގައާއި އިންތިޒާމުތައް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކަމުގެ ނަފާ އުލިގަމު ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. ބޮޑުތިލަދުންމައްޗަށް ގެންނަ ބަދަލަކީ މިއިން ޒަމާނަކު ނުގެންނަ ފަދަ ބޮޑު ތަރައްގީއެއްކަމަށް ރައީސް ވިދާޅުވިއެވެ.