މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްބަސްވެވޭ އެއް ކެންޑިޑޭޓެއް ނެރެން ތިން ޕާޓީން އެއްބަސްވެ، އިދިކޮޅު ޕީޕީއެމާ މަޝްވަރާ ކުރަން އެއްބަސްވި ނަމަވެސް އެ ކެންޑިޑޭޓަކީ އެ ޕާޓީގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ވިދާޅުވާ ވިދާޅުވުން އެ ޕާޓީން ތަކުރާރުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން މިއަދު ވަނީ އެއްބަސްވެފައެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް މިއަދު ވަނީ މ. ކުނޫޒުގައި ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ބޭފުޅުން ވަނީ ތިން ޕާޓީ ގުޅިގެން އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވުމަކަށް އާދެވުނުކަން އިއުލާނު ކުރައްވައިފައެވެ. އަދި، އެ ކަމުގެ މަޝްވަރާ ޕީޕީއެމާ އެކު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީން އެދެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ހަމަޖެއްސުން ކަމަށެވެ. އަދި، އެ ކަމަށް އެ ޕާޓީން ވަނީ މަރުހަބާ ކިޔައިފައެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ މި ޕާޓީން އެދޭ ގޮތެވެ،" އެ ބަޔާނުގައި ވެއެވެ.

އެކަމަކު، އަންނަ އާދިއްތަ ދުވަހު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާއިރު، ޔާމީން އަދި ވެސް ހުންނެވީ މިދިޔަ ޑިސެމްބަރު މަހު އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ޖަލުގައެވެ. އަދި، އެ މަނިކުފާނުގެ އިސްތިއުނާފު މައްސަލަ ވެސް ހައިކޯޓުގައި އޮތީ ހުއްޓިފައެވެ.

އެހެންވެ، އިންތިޚާބުގައި ވާދަކުރަން ވަގުތު އޮއްވައި، ޔާމީން މިނިވަންވާނެ ކަމުގެ އުންމީދު ވަރަށް ކުޑައެވެ.

ނަމަވެސް ޕީޕީއެމުން ގޮތްދޫނުކޮށް، މިއަދު ވެސް ނެރުނު ބަޔާނުގައި ބުނީ، އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައިވަނީ 2022 ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓްގެ އިއްތިފާޤުން ކަމަށެވެ. އެހެންވެ، ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކީ ވެސް ޔާމީން ކަމުގައި ހައްދަވަން ވަނީ އެދިފައެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާ ވެސް އެ ކަމުގެ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި، އެ ގޮތަށް ކުރިއަށް ދާން މިއަދު މަޝްވަރާ ކުރި ތިން ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއް ކެންޑިޑޭޓަކު ގޮވައިގެން ދާން އަޅުގަނޑުމެން ބޭނުން ވަނީ ރިޔާސީ އިންތިޚާބުގައި،" އޭނާ ވިދާޅުވިއެވެ.

އެއްބަސްވެވޭ އެއް ކެންޑިޑޭޓެއް ނެރެން ތިން ޕާޓީން އެއްބަސްވިއިރު، ނާޒިމާއި ގާސިމަކީ މިހާރު ވެސް ރިޔާސީ ޓިކެޓު ލިބި ކެމްޕޭން ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. އަދި، ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް ފަހު، ނަޝީދު ވެސް ގެންދަވަނީ މެނިފެސްޓޯ އެކުލަވައިލާ ކެމްޕޭން ކުރައްވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގެ ކުރިން ވެސް، ގާސިމާއި ނާޒިމް އަދި ނަޝީދުގެ އިތުރުން ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ވަކިވަކިން ބައްދަލުކުރައްވައިފައެވެ.