19 Jul 2023, 14:50
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތި ލުމުގެ ޝައުގުވެރިކަން ނުގެންގުޅުއްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީން ވަކިވެ އުފެއްދި ޕާޓީ އެކެވެ.
ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް އެކުލަވާލުމަށް ފަހު ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީ އަކުން ކަމަށެވެ. އަދި ވަރަށް އަވަހަށް ޕްރައިމަރީ ބާއްވަން ތައްޔާރު ވަމުން ދާ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާފައިވެއެވެ.
އެ ބައްދަލު ކުރެއްވުމުގައި ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގެންގުޅުންވަންތޯ "ސަން" އިން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ކުރިމަތި ނުލައްވާނެ ކަމަށެވެ.
"ނޫން. ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ރައީސް ނަޝީދު ވަކިވެވަޑައިގެންނެވީ އެ ޕާޓީގެ ރިޔާސީ ޕްރިމައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާ ވާދަކުރެއްވުމަށް ފަހު ނާކާމިޔާބު ވެ ވަޑައިގަތުމުންނެވެ.
މިއަދު ބޭއްވި މަޝްވަރާ އަށް ފަހު ގާސިމާއި ނަޝީދާއި ނާޒިމް ނިންމާފައިވަނީ އިންތިޚާބުގައި ރައީސް ޞާލިޙް އާ ދެކޮޅަށް އެއް ކެންޑިޑޭޓަކު ނެރުމަށެވެ.