މި އަހަރަށް މަޖިލީހުން ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، 18 ބިލިއަނަށް އަރާނެ ކަމަށް މާލިއްޔަތު ކޮމެޓީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަ ދައުރުގައި މާލިއްޔަތު ކޮމެޓީން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލިއްޔަތު ކޮމެޓީގެ މުގައްރި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ދައުލަތަށް ޖުމްލަ ހަރަދުވާނެ ކަމަށް ކަނޑައަޅާފައިވާ 14 ބިލިއަން ރުފިޔާގެ ބަޖެޓަށް 3.45 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށެވެ.

އިތުރަށް ހަރަދުވާ ފައިސާގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް ނަޝީދަށް އިނާޔަތުގެ ގޮތުގައި ދޭން ޖެހޭ 3.442 މިލިއަން ރުފިޔާ އާއި މިދިޔަ އަހަރު ހަރަދުކޮށް ނުދައްކާ ހުރި، ޕެންޑިން ބިލްތަކުގެ ހަރަދު ހަމަޖެއްސުމަށް އިތުރަށް ބޭނުންވާ ދެ ބިލިއަން ރުފިޔާ އާއި އެސްޓިއޯ އިން ވިއްކާ ކާޑު އަގުހެޔޮ ކުރުމާ ގުޅިގެން ދައްކަން ޖެހޭ 270 މިލިއަން ރުފިޔާ އާއި ސަރުކާރުން ހިންގާ ކުންފުނިތަކުގެ ތެރެއިން ފައިދާ ލިބޭ ތަންތަނުގެ ކެޕިޓަލް ހިންގުމަށް ދޭ 635.60 މިލިއަން ރުފިޔާ އާއި އާސަންދައިގެ ހަރަދުތަކަށް އިތުރަށް ބޭނުންވާ 200 މިލިއަން ރުފިޔާ އެވެ. އަދި ކަރަންޓް ސަބްސިޑީގެ ހަރަދު ހަމަޖެއްސުމަށް އިތުރަށް ބޭނުންވާ 250 މިލިއަން ރުފިޔާ ވެސް އިތުރަށް ހަރަދުވާ ފައިސާގެ ތެރޭގައި ހިމެނެ އެވެ.

ނާޒިމް ވިދާޅުވީ އެ ފައިސާއަކީ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ފައިސާއެއް ނޫން ކަމަށާއި ނަމަވެސް އިތުރަށް ބޭނުންވާ 3.442 ބިލިއަން ރުފިޔާއަކީ ކޮންމެހެން ހަރަދުގެ ގޮތުގައި ބޭނުން ފައިސާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި 10.87 ބިލިއަން ރުފިޔާގެ ތެރެއިން 2.6 ބިލިއަން ރުފިޔާ މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސަބަބަކީ ދިރާގުން ޑިވިޑެންޓުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ 166.7 މިލިއަން ރުފިޔާ ނުލިބޭނެ ކަމަށް ބެލެވުމާއި ގިނަ އަދަދެއްގެ މުދަލުން އިމްޕޯޓް ޑިއުޓީ ކަނޑާލުމުން435 މިލިއަން ރުފިޔާ ނުލިބުމާއި ޕްރައިވެޓައިޒޭޝަން ޕްރޮގްރާމުން ލިބޭނެ ފައިސާ ދަށްވުމުގެ ސަބަބުން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ދަށްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 14 ބިލިއަން ރުފިޔާގެ ބަޖެޓަށް 3.09 ބިލިއަން ރުފިޔާގެ ދަރަންޏެއް އަރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު އެ ދަރަނި 9.16 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށެވެ.

"2012 އަހަރުގެ ބަޖެޓް ފާސްކުރި އިރުގައި އަޅުގަނޑު ދެންނެވިން 9.8 ޕަސެންޓޭ ޑެފިޒިޓް ވާނެ ކަމަށް ބެލެވެނީ، އެއީ ޖީޑީޕީގެ ނިސްބަތުން. ދިވެހިރާއްޖޭގެ ޖީޑީޕީއަކީ 31 މިލިއަން ރުފިޔާ. ޖީޑީޕީގެ 31 މިލިއަން ރުފިޔާގެ 9.8 ޕަސެންޓަކީ 3.09 ބިލިއަން ރުފިޔާ. އެހެން ނަމަވެސް އާމްދަނީ މިހާރު ދައްވާނެ ކަމަށް މިހާރު މިވަނީ 2.6 މިލިއަން ރުފިޔާ. އެހެންވީމަ އެއީ ޑެފިޒިޓް އިތުރުވާނެ އެއްޗެއް. އެއްކުރަން އެބަޖެހޭ ލަފާކުރި ހަރަދަށް ވުރެ، އިތުރަށް ހިނގާނެ ކަމަށް ބެލެވޭ 3.459 ބިލިއަން ރުފިޔާ. އެހެންވީމަ އަޅުގަނޑު ދެންނެވި ތިން އަދަދު 3.09 ބިލިއަން ރުފިޔާ އާއި 2.6 ބިލިއަން ރުފިޔާއާއި 3.459 ބިލިއަން ރުފިޔާއާ އެއްކުރީމަ 9.15 ބިލިއަން ރުފިޔާ އިން މިހާރު މި ދަރަނިވެރި މި ވަނީ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓަށް ޑެފިޒިޓްއަކީ 9.8 ޕަސެންޓް ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް ދަރަނި އިތުރުވެގެންދިއުމުން ޑެފިޒިޓް 27 ޕަސެންޓަށް އަރާނެ ކަމަށެވެ.