22 Jul 2023, 12:41
ވިޔަފާރި ކުންފުނިތަކަށް ޚާއްޞަކޮށްގެން މެޓާއިން އޯޕަން ސޯސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް "ލާމާ"ގެ ނަމުގައި ނެރެފިއެވެ.
މެޓާއިން ބުނީ އެކުންފުނީގެ ލާމާ ކޮމާޝަލް ވާޝަން، އޯޕަންއޭއައި އާއި ގޫގުލްއިން ވިއްކާ އަގުބޮޑު ޕްރޮޕަރައިޓަރީ މޮޑެލްތަކަށް ވުރެ އަގުހެޔޮ ވާނެކަމަށެވެ.
ލާމާ 2ގެ ނަން ދީފައިވާ މި މޮޑެލްގެ އާ ވާޝަން ޑިސްޓްރިބިއުޓް ކުރާނީ މައިކްރޮސޮފްޓްގެ އެޒޫރު ކްލައުޑް ސާވިސް މެދުވެރިކޮށް ކަމަށާއި، ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގައި މި ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ކަމަށް މެޓާއިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.
މެޓާގެ ސީއީއޯ މާކް ޒަކަބާގްގެ ބްލޮގް ޕޯސްޓާއި އޭނާ ވަކިން ކުރި ފޭސްބުކް ޕޯސްޓެއްގައި ވާ ގޮތުން މެޓާއިން މީގެ ކުރިން ހަމައެކަނި ރިސާޗް ބޭނުމަށް ނެރުނު މި މޮޑެލް ޑައުންލޯޑް މެދުވެރިކޮށް އަދި އެމެޒޯން ވެބް ސާވިސަސް އާއި ހަގިން ފޭސް އަދި އެހެނިހެން ޕްރޮވައިޑަރުން މެދުވެރިކޮށް ވެސް ލިބޭނެއެވެ.
ލާމާ ފަދަ މޮޑެލްއެއް ވިޔަފާރިތަކަށް ހިލޭ ލިބޭގޮތް ހެދުމަކީ އޯޕަންއޭއައި ފަދަ ކުންފުނިތަކުގެ ޖެނެރޭޓިވް އޭއައި ސޮފްޓްވެއާއަށް މާކެޓުގައި ޑިމާންޑް ދަށްވެދާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުރަތަމަ އުފެއްދި ލާމާ އަކީވެސް މިހާރުހުރި އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އާއި ގޫގުލްގެ ބާޑް ޗެޓްބޮޓަށް ވުރެ ބާރުގަދަ ރަނގަޅު މޮޑެލްއެއް ކަމަށާއި، އާ ލާމާ އަކީ ކުރިން އުފެއްދި ލާމާއަށް ވުރެ 40 ޕަސެންޓް އިތުރު ޑޭޓާއަށް ތަމްރީނުކޮށްފައިވާ ޓެކްނޮލޮޖީއެއް ކަމަށް މެޓާއިން ބުނެއެވެ.
ލާމާ 2ގެ އައުޓްޕުޓްތަކުގެ ކޮލިޓީ ރަނގަޅު ކުރުމަށް އެއް މިލިއަނަށް ވުރެ ގިނަ އެނޯޓޭޝަން ދީފައިވާ ކަމަށް ޒަކަބާގް ވިދާޅުވިއެވެ.