ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވޯޓު ލާނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން ޖަވާބު ނުދޭ 23 ރިސޯޓަކަށް އެ އިންތިޒާމު ހަމަޖައްސަން އިތުރު ފުރުސަތެއް ދިނުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިންތިޚާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީން ބުނީ މި އަހަރުގެ އިންތިޚާބުގައި ރިސޯޓުތަކުގައި 78 ފޮށި ބަހައްޓަން ހަމަޖެހިފައި ވާއިރު، އޭގެތެރެއިން 22 ރިސޯޓަކުން ވޯޓު ފޮށި ބެހެއްޓުމާ ގުޅޭ ގޮތުން ވެސް އަދި ވޯޓުލުމުގެ އިންތިޒާމް މުވައްޒަފުންނަށް ހަމަޖައްސާނޭކަން ވެސް އީސީއަށް އަންގާފައި ނުވާ ކަމަށެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިސޯޓު ތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަނުން މީގެ ކުރިން އިންތިޚާބުތަކުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 50 މީހުން ރަޖިސްޓްރީ ކުރުމުންނެވެ. ނަމަވެސް، މި ފަހަރު މަދުވެގެން 30 މީހުން ރަޖިސްޓްރީ ކޮށްފި ނަމަ އެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަރު ދޭން އީސީން ވަނީ ނިންމާފައެވެ.

އެގޮތުން، އެ ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިން އާ އެއްގޮތަށް، ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 ފަރާތަކުން ޖުލައި 31 ގެ ކުރިން ރީރަޖިސްޓްރޭޝަން ފޯމު ކޮމިޝަނަށް ހުށަހަޅައިފިނަމަ ކުރިން ވޯޓު ފޮށި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދިފައި ނުވާ ރިސޯޓުތަކަށް އެ ފުރުސަތު ލިބޭނެއެވެ.

ރިޔާސީ އިންތިޚާބަށް 60 ދުވަހަށް ވެފައި ވާއިރު، މާލެ އާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް 138 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި 39 ފޮށި އަދި ވިލިމާލޭގައި 10 ފޮށި ހުންނާނެ ކަމަށް އީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ސިޓީތަކާއި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި 319 ފޮށި ބަހައްޓަން ނިންމާފައިވާއިރު ރާއްޖެއިން ބޭރުގައި 13 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ވެސް އީސީން ބުނެއެވެ. އަދި، ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ދެ ފޮށްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.