19 Jul 2023, 12:58
ސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކައިވެނިން ބޭރުން މަޖިލީހުގެ މެންބަރަކާ ބޭއްވެވި ގުޅުން ފަޅާއެރުމުން އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސިންގަޕޫރުގައި ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް ޓަން ޗުއަން ޖިން އާއި މެންބަރު ޗިންގް ލީ ހުއީ އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ ގައުމުގެ ބޮޑުވަޒީރު ލީ ސިން ލޯންގް އެވެ.
އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު ލީ ވިދާޅުވީ ޓަން އާއި ޗިންގްއާ ދެމެދު އޮތީ މަޖިލީހުގެ މިންގަނޑުތަކަށް ނުފެތޭ، ބަލައިނުގަނެވޭ ފަދަ ގުޅުމެއް ކަމަށެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ފުރަތަމަ ލިބުނީ 2020ގައި ކަމަށާއި، އެއާއެކު އެފަދަ ގުޅުމެއް ނުބޭއްވުމަށް ދެ ބޭފުޅުންނަށް ނަސޭހަތް ދެއްވި ކަމަށް ލީ ވިދާޅުވިއެވެ.
ނަމަވެސް އޭގެ ފަހުން ވެސް ޓަން އާއި ޗިންގްގެ ގުޅުން ދެމިއޮތްކަމުގެ މައުލޫމާތު ދާދި ފަހުން ލިބިފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ޗިންގް މީގެ ކުރިން ކައިވެންޏެއް ބައްލަވައިގެންފައި ނުވި ނަމަވެސް ޓަންގެ އަންބަކާއި ދެ ދަރިން ތިބެއެވެ.
މީގެ އިތުރުން، މި މަހުގެ 10ގައި ބޭއްވި މަޖިލިސް ބައްދަލުވުމެއްގައި މެންބަރަކަށް އިޝާރަތް ކުރައްވައި ޓަން ހުތުރު ބަހުން ވާހަކަދެއްކެވި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ. އެ ހާދިސާ ހިނގީ އޭނާއަށް އޮޅުމަކުން މައިކް ޖައްސައިގެން ހުންނެވުނު ވަގުތެއްގައެވެ.
އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވިއެވެ.
ބޮޑުވަޒީރު ލީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޓަންއާ ބައްދަލުކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެންގެ މަޝްވަރާގައި ޓަން ވަނީ ވަގުތުން އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފަ. އެއީ މަޖިލީހުގެ ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކުރެއްވުމުންނާއި ޗިންގްއާ ބޭއްވެވި ގުޅުމުގެ މައްސަލައިގައި،" ލީ ވިދާޅުވިއެވެ.
ޓަންގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ މަޖިލީހުގައި އޭނާއަށް ކުރެވުނު ފަދަ ކަމެއް ކުރެވުމުން، ކޮންމެ މެންބަރަކު ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގެ ސަބަބުން އޭނާގެ އާއިލާއަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި އެހެންކަމުން ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެން، އާއިލާއަށް ވަގުތު ހުސްކުރަން ނިންމަވާފައިވާ ކަމަށް ސިޓީގައިވެއެވެ.
ޗިންގްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ މިފަދަ ހާލަތެއްގައި އިސްތިއުފާ ދެއްވާތީ މައާފަށް އެދިވަޑައިގެންފައެވެ.
ބޮޑުވަޒީރު ލީ ވަނީ، އަންނަ މަހުގެ އެކެއްގައި ޕާލިމެންޓް ބައްދަލުވުމެއް ބާއްވަންވާ އިރަށް މަޖިލީހަށް އާ ރައީސަކު އައްޔަން ކުރަން ނަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ވެސް ސިންގަޕޫރުގެ މަޖިލީހުގެ ރައީސަކު ވަނީ، ކައިވެނިން ބޭރުން ގުޅުމެއް ބޭއްވި މައްސަލައިގައި އިސްތިއުފާދެއްވާފައެވެ.
ސިންގަޕޫރު ޕާލިމެންޓުގައި މި މައްސަލަތައް ފެންމަތިވެފައި ވަނީ, ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރު އިސްވަރަންގެ ކޮރަޕްޝަނުގެ މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ. އެއީ ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އަދި ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު އޮންގް ބެންގް ސެންގްއާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެކެވެ.
އެ މައްސަލައިގައި އިސްވަރަން އާއި އޮންގް ވެސް ހައްޔަރުކުރުމަށް ފަހު ދެ ބޭފުޅުން ވެސް ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.