03 May 2012, 18:00
ސުޕްރީމް ކޯޓުގެ ބައެއް ފަޑިޔާރުން އަމިއްލަފުޅަށް ކުރަން ޖެހިވަޑައިގަންނަވާ ބައެއް ހަރަދުތައް ދައުލަތުގެ މާލިއްޔާ އިން ކޮށްފައިވާ ކަމަށް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވައި އޮޑިޓް އޮފީހުން މިއަދު އާންމު ކުރި ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކާރު އެލަވެންސަށް ދީފައި ވަނީ މަހަކަށް 6500ރ. ކަމަށާއި ނަމަވެސް އުއްތަމަ ފަޑިޔާރުގެ ކާރުގެ ދެ ދެ ޑްރައިވަރުންގެ 2011 ވަނަ އަހަރުގެ މުސާރަ އާއި އިނާޔަތްތަކަށް، އެ އެލަވަންސަށް ކަނޑައަޅާފައި އަދަދަށް ވުރެ، އިތުރަށް 177،889.92ރ. ސުޕްރީމް ކޯޓުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި އޮޑިޓަރު ޖެނެރަލް ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރުގެ 2011 ވަނަ އަހަރުގެ ކާރު އެލަވަންސަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ރޭޓުން ޖެހޭ އަދަދަކީ 78،000ރ. ކަމަށާއި ނަމަވެސް އެ އަހަރު އެ އެލަވަންސްގެ ގޮތުގައި ޖުމްލަ 255،832ރ. ހަރަދުކޮށްފައިވާ ކަމަށެވެ.
އިތުރަށް ހަރަދުކޮށްފައިވާ އެ ފައިސާ އުއްތަމަ ފަޑިޔާރުގެ އަތުން ނަގައި ދައުލަތުގެ މާލިއްޔާ އަށް ޖަމާކުރުމަށް އޮޑީޓާ ޖެނެރަލް ވަނީ ރިޕޯޓްގައި އަންގަވައިފަ އެވެ. އަދި އުއްތަމަ ފަޑިޔާރަށް ވެސް ދައުލަތުން ޑްރައިވަރުން ހަމަޖައްސައިދެއްވަން ފެންނަ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާއަރުއްވާފަ އެވެ. އަދި އެކަން ރައްޔިތުން މަޖިލީހަށް ފޮނުއްވައިގެން މަޖިލީހުން ނިންމަވާ ގޮތަކަށް ހަމަޖެއްސުމަށް ވެސް ވަނީ އަންގަވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހަވާލުކޮށްފައިވާ ކާރެއް އެކްސިޑެންޓްވެ ކާރަށް ލިބުނު ގެއްލުމުގެ މައްސަލައިގައި އެ ކާރަށް ގެއްލުންވީ ކާރު ދުއްވި ޑްރައިވަރު ނުބަލައި ދުއްވުމުން ކަމަށް ފުލުހުން ފޮނުވި ސިޓީއިން އެނގެން އޮތް އިރު އެއީ ކާރު ދުއްވި ފަރާތާކުން މަރާމާތު ކުރަން ޖެހޭ ގެއްލުމެއް ކަމަށް ރިޕޯޓްގައިވެ އެވެ. ނަމަވެސް ރިޕޯޓްގައި ބުނަނީ އެ ފަނޑިޔާރު ކާރު މަރާމާތު ކުރެއްވީ ސުޕްރީމް ކޯޓުގެ ބަޖެޓުން 13200ރ. ހަރަދުކޮށްގެން ކަމަށެވެ. އަދި އެ މައްސަލައިގައި ކާރު ޑްރައިވަރު ސްޕްރީމް ކޯޓަށް ދީފައިވާ ބަޔާނުން އެ ކާރު އެކްސިޑެންޓްވީ ކާރު ދުއްވަން ކަނޑައަޅާފައިވާ ޑްރައިވަރު ކާރު ދުއްވަނިކޮށް ނޫން ކަމަށް އެނގޭ ކަމަށް ވެސް ވަނީ ރިޕޯޓްގައި ފާހަނގަ ކޮށްފަ އެވެ.
އެހެންކަމުން ކާރު ދުއްވާފައިވާ މީހެއް ބަލައި އެ ފަރާތެއްގެ އަތުން އެ ފައިސާ ހޯދައި ދައުލަތަށް ޖަމާ ކުރުމަށް ވަނީ އަންގައިފަ އެވެ. އަދި ދައުލަތުގެ ކާރު ހަވާލުކޮށްފައިވާ ފަރާތްތަކުން ކާރު ގެންގުޅުމުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި އެ ގަވާއިދަށް އަމަލުކުރުމަށް އެ ފަރާތްތަކަށް އެންގުމަށް އޮޑީޓާ ޖެނެރަލް ވަނީ ރިޕޯޓް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް އަންގަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފޯން އެލަވަންސް ނަންގަވާފައިވާ މައްސަލަ ވަނީ ރިޕޯޓްގައި ފާހަގަކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ބެންޗުން ފާސްކޮށްގެން ކޮންމެ ފަނޑިޔާރަކަށް ޕޯސްޓް ޕެއިޑް ލައިނަކާއި ޕްރިޕެއިޑް ލައިނެއް ހޯދާފައިވާ ކަމަށާއި އެ ހުރިހާ ލައިނެއްގެ ބިލްދެއްކީ ސުޕްރީމް ކޯޓުގެ ބަޖެޓުން ކަމަށް ރިޕޯޓުގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުން އޮކްޓޯބަރު 2008 އިން ޑިސެމްބަރު 2011ގެ ނިޔަލަށް 281519ރ. ސުޕްރީމް ކޯޓުގެ ބަޖެޓުން ފޯން ބިލްތަކަށް ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެއް ފަނޑިޔާރަކަށް ދީފައިވާ ޕްރީޕެއިޑް ނަމްބަރުން 2223ރ. ގެ ކްރިޑިޓް އެހެން ފޯނަކަށް ޓްރާންސްފާކޮށްފައިވާ މައްސަލަ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެކަން ފާހަގަވެގެން ލިބުނު ޝަކުވާތަކާ ގުޅިގެން އެ ފައިސާ އެ ފަނޑިޔާރު ސުޕްރީމް ކޯޓަށް ދެ ފަހަރެއްގެ މަތިން ދައްކައި ހަލާސް ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ފޯން ބިލްތަކުގެ މައްސަލައިގައި ރިޕޯޓްގައި ބުނެފައި ވަނީ އެކަމަށް ހަރަދުކުރި ފައިސާ ފަނޑިޔާރުންގެ އަތުން އަތުލައި މާލިއްޔާ އަށް ޖަމާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ފޯން ބިލްތަކާއި އެހެނިހެންވެސް އެލަވަންސްތައް ނެގޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ އަނެއް މައްސައަކީ ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަން ކުރެއްވި ބޭފުޅަކު މަސައްކަތް ކުރައްވާފައި ނުވާ ދުވަހަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި 58084ރ. ނަގާފައިވާ މައްސަލަ އެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމަށް ވަކި ގޮތެއް އަދި ވެސް ނިންމާފައި ނުވާތީ އެކަން ފާހަގަކޮށް އެ ފައިސާ އެ މުވައްޒަފުގެ އަތުން އަތުލުމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެން މައްސަލަތަކަކީ ކޯޓުތަކަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ ކޯޓުތަކުގެ އެކައުންޓްތަކުގައި ބަހައްޓާފައިވާ މައްސަލަ އާއި އިންވެންޓްރީ ރަނގަޅަށް ބަލަހައްޓާފައި ނެތުމާއި އަދި ބައެއް ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނެތުމުގެ މައްސަލަ އެވެ.