19 Jul 2023, 08:22
އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް، އިތުރު ފަސް އަހަރު މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރުމަށް އެއްބަސްވެއްޖެއެވެ.
އުމުރުން 25 އަހަރުގެ ރަޝްފޯޑް، ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައިވާކަން އެ ކްލަބުން ވެސް ވަނީ އިއުލާންކޮށްފައެވެ. އޭނާ އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފައިވަނީ 2028 ގެ ނިޔަލަށެވެ.
ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށްފަހު، އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރަޝްފޯޑް ބުނީ އުމުރުން އެންމެ ހަތް އަހަރުގައި އޭނާ ޔުނައިޓެޑާ ގުޅުނީ ހުވަފެނަކާއެކު ކަމަށާއި އެ ކްލަބުގެ ޖާޒީގައި ކޮންމެ މެޗެއް ކުޅެނީ ފަހުރުވެރިކަމާއެކު ކާމިޔާބަށް ކަމަށެވެ. އަދި އެ ކްލަބާއެކު މިހާތަނަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަދިވެސް އަހަރެން ހާސިލުކުރަން ބޭނުންވާ ގިނަ ކާމިޔާބީތަކެއް އެބަހުރި، ގިނަ ޓްރޮފީތަކެއް ހޯދަން ބޭނުން. ޔުނައިޓެޑުގެ މި ބެޖާއެކު އަހަރެންނަށް ބޮޑު ޒިންމާއެއް އެބައޮތްކަން އަހަރެން ގަބޫލުކުރަން. މި ކްލަބަށް ކާމިޔާބީތައް ހޯދައިދިނުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ބުންޏެވެ.
ރަޝްފޯޑް ކޮންޓްރެކްޓް އާކޮށްފައި މިވަނީ، އޭނާގެ ކުރީގެ ކޮންޓްރެކްޓް ހަމަވުމާ ގާތަށް ޖެހިފައިވަނިކޮށެވެ. ރަޝްފޯޑުގެ ކޮންޓްރެކްޓް އާކުރުމަށް ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ އިރު، އޭނާ ހޯދުމަށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ފަދަ ޔޫރަޕުގެ ބޮޑެތި ކްލަބުތަކަކުން ވެސް މަސައްކަތް ކުރަމުންދިޔައެވެ.