ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖޯޑީ އަލްބާ ވެސް އެމެރިކާގެ އިންޓަ މަޔާމީއަށް ސޮއިކޮށްފިއެވެ.

އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީން ވަނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަދި ބާސާގެ ކުރީގެ މިޑްފީޑަރު ސާޖިއޯ ބުސްކެޓްސްގެ ސޮއި ވެސް ހޯދައިފައެވެ. އަލްބާ އަކީ މެސީ އާއި ބުސްކެޓްސްއާއެކު ބާސާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ދެން އެންމެ އަވަހަށް އިންޓަ މަޔާމީއާ ގުޅޭނެ ކުޅުންތެރިޔަކަށް ވެގެންދާނީ އަލްބާއެވެ. އުމުރުން 34 އަހަރުގެ ސްޕެއިން ޑިފެންޑަރު، ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައިސްފައިވަނީ މިދިޔަ ސީޒަނަށްފަހުއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބާސާގެ ކުރީގެ ފޯވަޑް ލުއިސް ސުއަރޭޒް ވެސް އިންޓަ މަޔާމީއާ ގުޅުމާ ގާތަށް ވަނީ ގޮސްފައެވެ. މެސީ އާއި ބުސްކެޓްސް އަދި އަލްބާއާއެކު ބާސާއަށް ކުޅުނު އުރުގުއާއީ ފޯވަޑް ސުއަރޭޒް މިހާރު ކުޅެމުންދަނީ ބްރެޒިލްގެ ކްލަބު ގްރެމިއޯ އަށެވެ.

ބާސާއަށް އެކުގައި ކުޅުނު ކުޅުންތެރިންތަކެއް އިންޓަ މަޔާމީއާ ގުޅެމުންދާ އިރު، އެ ކްލަބުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ވެސް ކުރިން ބާސާއަށް އިރުޝާދު ދިން ކޯޗެކެވެ. އިންޓަ މަޔާމީގެ ކޯޗަކަށް ހަމަޖައްސާފައިވާ ޖެރާޑޯ މާޓިނޯ އަކީ ބާސާގެ އިތުރުން އާޖެންޓީނާ ގައުމީ ޓީމަށް ވެސް އިރުޝާދު ދިން ކޯޗެކެވެ.