ބަތަލާ އާލިއާ ބަޓް ހިންގާ އަންނައުނު ބްރޭންޑް 'އެޑް-އަ-މަމާ' ބޮޑު އަގެއްގައި ގަތުމުގެ ޝައުގުވެރިކަން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ފާޅުކޮށްފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާގޮތުގައި މުކޭޝް އަމްބާނީގެ ރިލަޔަންސް ކުންފުނިން 'އެޑް-އަ-މަމާ' ގަތުމަށް ހުށަހަޅާފައިވަނީ، 350 ކްރޯޑު ރުޕީސްގެ ޢަދަދެކެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ބަތަލާ އާލިއާ ބަޓް ވަރަށް ޅަ ޢުމުރުގައި ތަޢާރަފްކުރި މި ބްރޭންޑަކީ އާލިއާގެ ދިރިއުޅުމުގައި ވަރަށް ހާއްސަ މަޤާމެއް ދެވިފައިވާ ބްރޭންޑެކެވެ.

ކައިވެންޏަށްފަހު ބަލިވެއިނުމާ ގުޅިގެން އާލިއާވަނީ މާބަނޑު އަންހެނުންނަށް ހާއްސަކޮށްގެންވެސް ކަލެކްޝަނެއް ތަޢާރަފްކޮށްފައެވެ. ތިމާވެއްޓާއި ރައްޓެހި ފޭރާން ހިމެނޭގޮތަށް އަންނައުނުތައް އުފައްދާ 'އެޑް-އަ-މަމާ'އަށް ރިލަޔަންސް ކުންފުނިން ހުށަހެޅި ހުށަހެޅުމާބެހޭގޮތުން ދެ ފަރާތުން މަޝްވަރާތައް ކުރެވެމުންދާއިރު ދެ ފަރާތުގެ ނިންމުން ވަރަށް އަވަހަށް އާއްމުންނާ ހިއްސާކުރާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެޑް-އަ-މަމާ ބްރޭންޑަކީ، އާލިއާ ޑިރެކްޓަރެއްގެ މަގާމު އަދާކުރާ އެޓަނޭލިއާ ކްރިއޭޓިވް މާޗެންޑައިޒިންގް ކުންފުނީގެ ބްރޭންޑެކެވެ. މީގެ ތިން އަހަރުކުރިން ވުޖޫދަށް އައި މި ބްރޭންޑްގެ ހެދުންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރިކުރެވޭނީ ހަމައެކަނި އޮންލައިންކޮށެވެ.

އިންޑިއާގެ އިތުރުން ބޭރުގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލު މިބްރޭންޑަކީ ކުޑަކުދިންގެ ހެދުންތައް ހެޔޮއަގެއްގައި ލިބެން ހުންނަ ބްރޭންޑެއްކަން ފާހަގަކޮށްލެވެއެވެ. ރިލަޔަންސް ކުންފުންޏާއެކު އާލިއާ އެއްބަސްވުމަކަށް ގޮސްފިނަމަ ރިލަޔަންސްއަށް މާކެޓަށް މުޅިން އާ އުފެއްދުމެއް ތަޢާރަފްކޮށް ތަރައްޤީކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އާލިއާ މީގެކުރިން ބުނެފައިވަނީ ކުރިޔަށްއޮތް ދެ ތިން އަހަރުތެރޭ 'އެޑް-އަ-މަމާ'ގެ ބްރޭންޑްގެ ކަލެކްޝަނަށް ތުއްތުކުދިންގެ ހެދުންތައް އިތުރުކުރުމަށް ބޭނުންވާކަމަށެވެ.

މިހާރު ހަމައެކަނި ޢުމުރުން 4 އަހަރާއި 12 އަހަރާއި ދެމެދުގެ އުފެއްދުންތައް ލިބެންހުރުމުން މި ބްރޭންޑްގެ އުފެއްދުންތައް ތަންކޮޅެއް ލިމިޓެޑްވާކަމަށް ބަތަލާ ޤަބޫލުކުރާކަމަށްވަނީ ބުނެފައެވެ. އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްވެސް ދާދިފަހުން ތަޢާރަފްކޮށްފައިވާ ބަތަލާގެ ކްލޯތިންގް ބްރޭންޑް 'އެޑް-އަ-މަމާ"ގެ ނެޓް ވޯތްއަކީ، 150 ކްރޯޑް ރުޕީސްއެވެ.