އެތައް އަހަަރެއް ވަންދެއް ވާހަކަ ނުދައްކައި ތިބުމަށްފަހު މަޝްހޫރު ރިއެލިޓީީ ތަރި އަދި އިންޓަގްރާމް މޮޑެލް ކައިލީ ޖެނާ އޭނާގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ ޖޯޑީން ވުޑްސް އާއެކު އަލުން އެކީގައި ފެނިއްޖެއެވެ.

ކައިލީ އާއި ޖޯޑީން އެންމެ ކުރިން އެކުގައި ފެންނަން ފެށީ 2012 ވަނަ އަހަރުގައެވެ. އެހާ ހިސާބުން ކައިލީގެ ޕޯސްޓުތަކުންނާއި ރިއޭލިޓީ ޓީވީ "ކީޕިން އަޕް ވިތު ކާޑޭޝިއަން"ގެ އެޕިސޯޑުތަކުން ވެސް ދެމީހުން އެކީގައި ފެންނަން ފެށިއެވެ. މުޅި އާއިލާއިން ވެސް ޖޯޑީން އަށް މަރުހަބާ ކިޔެވެ.

ނަމަވެސް ދެމީހުންގެ ގުޅުން ރޫޅިގެން ދިޔައީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ދެމީހުންގެ ގުޅުމަށް ނިމުމެއް އައިސްފައިވަނީ ކައިލީގެ ދައްތަ ކްލޯއީ ކާޑޭޝިއަންގެ ބައިވެރިޔާ ކަމަށްވާ ޓްރިސްޓަން ތޮމްސަން އާ ޖޯޑީން ގުޅުން ބޭއްވުމުންނެވެ. މި ކަންތައް ހިނގައިދިޔަ އިރު ކްލޯއީ އާއި ޓްރިސްޓަން އުޅުނީ އެކުގައެވެ.

މިހާ ހިސާބުން ކައިލީ، ޖޯޑީން އާއެކު އޮތް ގުޅުން ކަނޑާލީ ވަރަށް ޕަބްލިކް ކޮށެވެ. ސޯޝަލް މީޑިއާގައި ދެމީހުން އެކީގައި ޕޯސްޓެއް ހުރި ނަމަ އެ ހުރިހާ އެއްޗެއް އޭނާ ފޮހެލިއެވެ. އަދި އެ ގެއަށް ޖޯޑީން ގެނައުން ހުއްޓާލައި ފޯނުން އޭނާ ބްލޮކް ވެސް ކޮށްލައިފިއެވެ.

ނަމަވެސް މިހާރު މައުލޫމާތު ލިބެމުން ދަނީ ދެމީހުން އަލުން މިހާރު ރަހުމަތްތެރިންނަށް ވެފައިވާ ކަމަށެވެ. އެގޮތުން ދެމީހުން އެކީގައި ރެސްޓޯރެންޓަކަށް ދަނިކޮށް ވަނީ އާންމުންނަށް ފެނިފައެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު ދެމީހުން އެކީގައި ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ދެމީހުން އަލުން ވާހަކަ ދައްކަން ފަށާފައިވާ ތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

ދެމީހުން އެކުގައި ފެނިފައިވި ނަމަވެސް މިކަމާ ގުޅޭގޮތުން ކައިލީ އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.