03 May 2012, 17:25
އެމްޑީޕީގެ ނައިބު ރައީސްކަމުން ވަކިކޮށްފައިވާ އަލްހާނު ފަހުމީ އެމްޑީޕީ މިނިވަން ކުރުމަށާއި "ނިއު އެމްޑީޕީ" އަކަށް ގޮވާލައި ފެށި މުޒާހަރާ ބޮޑު ހަމަ ނުޖެހުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެމްޑީޕީ ހިނގަމުން ދަނީ އެ ޕާޓީގެ އިސް ލީޑަރު މުހައްމަދު ނަޝީދުގެ ނަހަމަ ނުފޫޒުގެ ދަށުގައި ކަމަށް ބުނެ ނަޝީދުގެ އިސްތިއުފާއަށްގޮވައި މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި އަލްހާނު މަދު މީސްކޮޅަކާ އެކު މުޒާހަރާ ފެށުމާ އެކު އެ ސަރަހައްދަށް އެމްޑީޕީ އަށް ތާއީދުކުރާ ގިނަ މެންބަރުންތަކެއް އެއްވެ, އޭނާއާ ދެކޮޅަށް އަޑު އުފުލަން ފެށި އެވެ. އަދި އަލްހާނު ވާހަކަ ދައްކަވަން ފެއްޓެވުން އޭނާ ކައިރިއަށް އެއްވެ އެމްޑީޕީ މެންބަރުން އޭނާއާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ އިރު އަލްހާނާއި އޭނާގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮވަނީ "ނިއު އެމްޑީޕީ" ޖަހާފާއިވާ ދިދަތަކެއް ބަހައިފަ އެވެ.
އަލްހާނު ވިދާޅުވަމުން ދިޔައީ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަސައްކަތްތައް ނުކުރެވޭ ގޮތަށް ޕާޓީގެ މުޅި އިދާރީ ހިންގުން ނަޝީދު ހައިޖެކް ކޮށްފައިވާ ކަމަށެވެ.
އަދި އަލްހާނު ވަނީ މަގުތައް މައްޗަށް ނިކުމެ އެމްޑީޕީ މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލައިފަ އެވެ. އޭރު އެމްޑީޕީ އަށް ސަޕޯޓްކުރާ މީހުން ވަނީ އޭނާ ފަހަތުން "އަލްހާނު އަކީ ބޮޑު ބާޣީ"އެއް ކަމަށް ބުނެ އޭނާގެ ފަހަތުން ހިނގައިފަ އެވެ.
އަދި ސޯސަންމަގުގަ އާއި މަޖީދީމަގުގައި އަލްހާނު ވަނީ އެމްޑީޕީ މިނިވަންކުރުމަށް ގޮވައިލައިފަ އެވެ. އޭނާއާ ބައިވެރި އޭނާގެ ދެ ކޮއްކޮ ވަނީ ނަޝީދުއަކީ "ބޮޑު ބާޣީއެއް" ކަމަށް ގޮވައި އަޑު އުފުލައިފަ އެވެ.
ރާޅުގަނޑު ސަރަހައްދަށް ހިނގާލުން ހުއްޓާލުމާ އެކު އޭނާ އާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ މީހުން ވަނީ އޭނާ ކައިރިއަށް އެއްވެ، އަޑު ގަދަ ކުރަން ފަށައިފަ އެވެ. އަދި އޭނާ އެނބުރި ނަސަންދުރާ ގޯތިތެރޭގައި ހުންނަ "ޓްރެންޑްސް ރެސްޓޯރެންޓަށް" އަލްހާނު ވަޑައިގަތުމުން އެތާ ގޯތި ތެރެއަށް ވެސް އަލްހާނު އާ ދެކޮޅަށް މީހުން ވަނީ އަޑު އުފުލާފަ އެވެ.
މިއަދުގެ މުޒާހާގައި އެމްޑީޕީގެ ރައީސްކަމުން ވަކިކޮށްފައިވާ ޑރ. އިބްރާހިމް ދީދީ (ޑީޑީ) ބައިވެރިވެވަޑައިގެންފަ އެއްނުވެ އެވެ.