އެޕަލް އިން އެންމެ ފުރަތަމަ ތައާރަފުކުރި އައިފޯން ސީރީޒް މޮޑެލްގެ ފޯނެއް، 190،000 ޑޮލަރަށް ވިކިއްޖެއެވެ.

އެޕަލް އިން އެކުންފުނީގެ ފުރަތަމަ ސްމާޓްފޯން "އައިފޯން" ތައާރަފުކޮށްފައިވަނީ 2007 ވަނަ އަހަރުގައެވެ. އެއާއެކު މުޅި ސްމާޓްފޯން އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އެޕަލް އިން ވަނީ ގެނެސްފައެވެ.

މިހާ ކުރީގެ ފޯނުތަކަކީ މިހާރު އުފައްދާ އެއްޗެއްސެއް ނޫނެވެ. އެއާއެކު ކުރީގެ އައިފޯންތައް އޮތް މީހުންތައް އެ ވިއްކަމުން ދެއެވެ. އަދި ފޯނު އޮތް ހާލަތު ރަނގަޅުވާ މިންވަރަކަށް ފޯނުގެ އަގު ބޮޑުވެއެވެ.

މިފަހަރު ވިއްކާލާފައިވާ އައިފޯނު އޮތީ ފޮށިގަނޑުގެ ތެރޭގައި ކަނޑައިވެސް ނުލައެވެ. އެއާއެކު ފޯނު ވިއްްކާލަން ހުޅުވާލީ ނީލަމަށް ލައިގެންނެވެ. މި ފޯނު ގަތުމަށް 28 ފަރާތެއް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއާއެކު ނީލަމަށް ލައިގެން މި ފޯނު ވަނީ 190،000 ޑޮލަރަށް ވިއްކާލާފައެވެ.

މިއީ ކުރީން މި ފޯނު ވިއްކާލެވޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަށް ވުރެ ބޮޑު އަދަދެކެވެ. ކުރީން ލަފާކޮށްފައިވަނީ 50،000 އާއި 100،000 ޑޮލަރާ ދެމެދުގެ އަދަދަކަށް ފޯނު ވިއްކާލެވޭނެ ކަމަށެވެ.

ނީލަމުގައި ވިއްކާލާފައިވަނީ 2007 ވަނަ އަހަރުގެ އައިފޯނުގެ ހަތަރު ޖީބީ ވާޝަން އެވެ. އެ ފޯނު ރިލީޒްކުރި އިރު ފޯނުގެ އަގަކީ 499 އެމެރިކާ ޑޮލަރެވެ.

އެޕަލްގެ ކުރީގެ ޕްރޮޑަކްޓުތައް ގަނެ، އެ އެއްކުރުމަކީ ބައެއް މީހުން ވަރަށް ޝައުގުވެރިކަން ހުން ކަމެކެވެ. އެގޮތުން އައިފޯން 3ޖީ މޮޑެލްގެ ފޯނެއް މިދިޔަ އަހަރު މީހަކު ވަނީ 63،000 ޑޮލަރަށް ވިއްކާލާފައެވެ. އައިފޯންގެ އިތުރުން ވެސް އެޕަލްގެ އުފެއްދުން ހުއްޓާލާފައިވާ އެތައް ޕްރޮޑަކްޓުތަކަކަށް ބޮޑު އަގު ދީގެން މީހުން އެ ގަނެ އެއްކުރަން މަސައްކަތް ކުރެއެވެ.