19 Jul 2023, 08:28
ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކީރްތީ ސުރޭޝް ބޮލީވުޑް ތަޢާރަފްވުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ކީރްތީގެ ފުރަތަމަ ބޮލީވުޑް ފިލްމަށް ސޮއިކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ކީރްތީއާއެކު ލީޑްރޯލްއިން ފިލްމުގައި ފެންނާނީ އެކްޓަރު ވަރުން ދަވަންކަމަށްވެސް އިންޑިއާގެ ނޫސްތަކުގައިވަނީ ބުނެފައެވެ.
ވަގުތީގޮތުން "#ވީޑީ18"ގެ ނަމުގައި އުފައްދާ މިފިލްމަކީ، ތަމަޅަ ޕްރޮޑިއުސަރު ކަލީސް ޑައިރެކްޓްކުރާ ފިލްމެކެވެ.
ވަރުގަދަ އެކްޝަން ޑްރާމައެއްކަމަށްވާ މިފިލްމުގެ ޕްރޮޑިއުސަރުންގެގޮތުގައި މަސައްކަތްކުރާނީ ތަމަޅަ ޑައިރެކްޓަރު އެޓްލީއާއި ޕްރިޔާ އެޓްލީގެ އިތުރުން މުރާދު ކެތަނީއެވެ. ދެކުނުގެ ގިނަ ފިލްމުތަކުން ފެނިފައިވާ ކާމިޔާބު ބަތަލާ ހިންދީ ސިނަމާއަށް ތަޢާރަފްވުމުގެ މަސައްކަތް ފަށާފައިވާތާ ވަރަށްގިނަ ދުވަސްތަކެއްވެފައިވާކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ވަރުންއާއެކު ކުޅެން ނިންމި މިފިލްމުގެ ސްކްރިޕްޓް ކީރްތީއަށް މާބޮޑަށްވެސް ކަމުދިޔުމުން ބަތަލާ ނިންމީ މިއީ ބޮލީވުޑަށް ތަޢާރަފްވުމަށް އެންމެ ރަގަޅު ޕްރޮޖެކްޓުކަމުގައެވެ. އަދި ދެކުނުގެ ފިލްމުތަކުގައި ކީރްތީ ދައްކަމުންއައި ހުނަރުވެރި އެކްޓިންގްއާއިއެކު އެ ޕާފޮމެންސް ހިންދީ ސިނަމާގެ ދުނިޔޭގައިވެސް ދެއްކޭނެކަމުގެ ޔަޤީންކަން ބަތަލާއަށް ލިބިފައިވާކަމަށް ކީރްތީވަނީ ބުނެފައެވެ.
ކުރިޔަށްއޮތް އޮގަސްޓް މަހު ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު މިފިލްމުގެ މަސައްކަތް އެންމެ ތިން މަސްތެރޭ ނިންމާލުމަށް ފިލްމުގެ ޓީމުންވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ މެއި މަހުތެރޭ ފިލްމު ރިލީޒްކުރުމަށް ރޭވިފައިވާކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ.
މިދިޔަ އަހަރު ފިލްމު "ބޭޅިޔާ"އިން ވަރަށް ތަފާތު ރޯލަކުން ފެނުނު އެކްޓަރު ވަރުންދަވަން މިފިލްމުގައި ކުޅެން ހަމަޖެހިފައިވަނީ ފުލުސް އޮފިސަރެއްގެ ރޯލެވެ. ވަރުން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިމަހުގެ 21ގައި އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރާ ފިލްމު "ބަވާލް"އިންނެވެ.