ދިވެހީންގެ މެދުގައި އޮތް ހަމަޖެހުމާއި ސުލްޙަވެރިކަމުގެ މަތީގައި ގައުމު ބިނާ ކުރަން މިސްރާބު އަމާޒު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ހިޖުރީ 1445 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ، ނަބަވީ ހިޖްރައާ ގުޅިފައިވާ މި އުފާވެރި މުނާސަބާ އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ، ހަމަނުޖެހުންތަކާއި ބައިބައިވުންތަކެއްގައި ތިބި ބައެއްގެ ތެރެއިން، ޞުލްޙަވެރި އަމާން ވަރުގަދަ އުންމަތެއް އުފަންވެގެން އައި ގޮތް ކަމަށެވެ. އަދި ނިކަމެތިކަމާއި ކަންބޮޑުވުންތަކުގެ ތެރޭގައި ވިއްސިވިހާލިވެފައި ތިބި މީސްތަކެއް، އުފާވެރި ހައިބަވަންތަ ބަދަހި މުޖުތަމައަކަށް ބަދަލުވެގެން ދިޔަ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޖުރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމައަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަން ކަން ފާހަގަކުރައްވައި ރައީސް ވަނީ, އެ މަތިވެރި ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތަކުން އިބުރަތް ހާސިލް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

"ގައުމީ ތަރައްގީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށެވެ. އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް ގައުމު ފޯރުކޮށްދިނުމަށެވެ." ރައީސްގެ ޚިޠާބުގައި ވެއެވެ.

މީގެ އިތުރުން ރައީސް ވަނީ ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ވަނީ އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ވެރިންނަށް ވެސް ހިޖުރީ އައު އަހަރުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.