03 May 2012, 17:08
ހުނަރު ޕްރޮގްރާމުން ތަމްރީން ކުރަން ޖެހޭ 3505 މީހުންގެ ތެރެއިން މިހާތަނަށް ތަމްރީނު ކުރެވިފައި ވަނީ 179 ދަރިވަރުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ވިދާޅުވީ 179 ދަރިވަރުން ތަމްރީން ކުރެވިފައިވީ ނަމަވެސް 2499 މީހެއްގެ ކޯސް މިހާތަނަށް ފެށިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހުނަރު ޕޮރުގްރާމް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެ ޕްރޮގްރާމް ރަނގަޅުކުރުމަށް ޓަކައި ރީ ޕްލޭންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ކުރިމަގުގައި ހުނަރު ޕްރޮގްރާމް ރަނގަޅު ކުރެވޭތޯ އެ ޕޮރްގުރާމް ރީ ޕްލޭން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" އާމިނަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުނަރު ޕްރޮގްރާމްގެ ޚަރަދަށް ތަމްރީން މަރުކަޒުތަކަށް 9.8 މިލިއަން ރުފިޔާ ޚަރަދުވެފައިވާ އިރު ކިޔަވާ ކުދިންނަށް 2.5 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އަދި އެ ޕޮރްގުރާމް ޕްރޮމޯޓު ކުރުމަށް ޓަކައި 50،000 ރުފިޔާ ޚަރަދުވެފައިވާ ކަމަށް ވެސް އާމިނަތު ވިދާޅުވި އެވެ.
މީގެ އިތުރުން އާމިނަތު ވިދާޅުވީ މިފެށޭ ހަފްތާގައި ޒަކާތު ފަންޑުންގެ ދަށުން ރާއްޖެ އިން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހިލޭ އެހީ ދިނުމުގެ ފޯމްތައް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޒަކާތު ފަނޑުގެ އެހީގެ ދަށުން ރާއްޖޭގައި މަތީ ތައުލީމް ހާސިލުކުރާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެއް ވާނީ އިސްލާމިކު މިނިސްޓްރީން ކަމަށާއި އަދި އެ ފަންޑުގެ ދަށުން ރާއްޖެ އިން ބޭރުގައި ތައުލީމް ހާސިލުކުރާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނީ އެޑިޔުކޭޝަން މިނިސްޓްރީން ކަމަށެވެ. އަދި ވިދާޅުވީ ޒަކާތު ފަންޑުގެ ދަށުން ރާއްޖެ އިން ބޭރުގައި މިއަހަރު 50 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައި އެކަމަށް 11 މިލިއަން ރުފިޔާ ޚަރަދުކުރަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދު ފައިސާ އާއި ކުދިންގެ އަދަދު އިތުރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2010 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި 27 ދަރިވަރިވަރަކު މިހާރު ވެސް ރާއްޖެ އިން ބޭރުގައި ތައުލީމް ހާސިލުކުރަމުން އަންނަ ކަމަށެވެ.