18 Jul 2023, 20:12
ހައިކޯޓުން ޕީޕީއެމްގެ ލީޑާޝިޕް އިސްވެރިން ނެރެން ފުލުހުންގެ އެހީ ހޯދައިފިއެވެ.
އިދިކޮޅުގެ މެމްބަރުން ހައިކޯޓަށް ދިޔައީ މިއަދު ހެނދުނެވެ. އިދިކޮޅު ލީޑާޝިޕުން ހައިކޯޓަށް ދިޔައީ، މިހާރު އެ ކޯޓުގައި ހިނގަމުން އަންނަ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އާރަށު މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ތާވަލުނުކޮށް ލަސްވާތީއެވެ.
ހެނދުނު 10:30 ހާއިރު އިދިކޮޅު ލީޑާޝިޕުން ކޯޓަށް ގޮސް ކޯޓުގެ ރަސްމީ ގަޑި ނިމުނު ފަހުން ވެސް އެ ތަނުގައި ގިނައިރުތަކެއް ވަންދެން ތިބީ މަޑުކޮށްގެންނެވެ. ކޯޓުން ނިކުތީ ފުލުހުން ވެސް އެ ތަނަށް އައިސް އެތައް އިރެއް ފަހުންނެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ތިން ފަހަރެއްގެ މަތިން ކޯޓުން ލީޑާޝިޕް މެމްބަރުން ނެރުމަށް ޓަކައި މަސައްކަތްކުރި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ފުލުހުން ކޯޓަށް ދިޔައީ ކޯޓުން ފުލުހުންގެ އެހީއަށް އެދުމުން ކަމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް ތާވަލުނުކޮށް ލަސްވަނީ އެ މައްސަަލަ ބައްލަވައި ދެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުންނެވެ.
އިދިކޮޅުން މި މައްސަލަ އަވަސްކުރަން ބޭނުންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަކުރެވޭނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.