ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މެންބަރު ކްލަބުތަކުން މަގާމުގައި ހުންނަން ބޭނުންވާ ނަމަ، މަގާމުން ދުރަށް ނުދާނެ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ނިމިގެންދިޔަ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ވަނީ ފުރަތަމަ ފަހަރަށް ގްރޫޕު ސްޓޭޖުން ފުރުސަތެއް ނުލިބި، މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. އެކަމާ ގުޅިގެން ބައްސާމް މަގާމުން ދުރަށް ދިއުމަށް ގިނަ ބަޔަކު ގޮވާލާފައިވާ އިރު، ފުޓުބޯޅައިގެ ހިދުމަތްތެރިންތަކެއް ގުޅިގެން "ސޭވް އެފްއޭއެމް"ގެ ނަމުގައި ވަނީ ބޮޑު ހަރަކާތެއް ވެސް ފަށައިފައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ނުކުތީ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށާއި އެކަމާ ގުޅިގެން އެފްއޭއެމްގެ ހިންގުމާއި ޓެކްނިކަލް ޓީމު އަދި އިދާރީ ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި ނަމަވެސް މަގާމުން ދުރަށް ދިއުމަށް ނުވިސްނާ ކަމަށެވެ.

"އަޅުގަނޑުމެން ޖަޕާނުގައި ތިން މެޗެއް ކުޅެން ރޭވިން. ނަމަވެސް ކޯޗު ބޭނުންވީ އެންމެ މެޗެއް ކުޅުމަށް. އެ މެޗު ވެސް ނުކުޅެވި ދިޔައީ. ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާއަކީ އަޅުގަނޑުވެސް ހިތްހަމަޖެހޭ ނަތީޖާއެއް ނޫން. ކުރިއަށްއޮތް ދެ ތިން ހަފުތާ ތެރޭގައި އެފްއޭގެ ހިންގުމާއި ޓެކްނިކަލް އަދި އެޑިމިނިސްޓްރޭޓިވް ބޮޑެތި ބަދަލުތަކެއް އަންނާނެ. މާދަމާ ވެސް އަޅުގަނޑު މަގާމުން ދުރަށް ދާން މެންބަރު ކްލަބުތަކުން ނިންމައިފި ނަމަ، މަގާމުން ދުރަށް ދާނަން. ނަމަވެސް މެންބަރު ކްލަބުތަކުން މަގާމުގައި ހުންނަން ބޭނުންވާ ނަމަ، އަޅުގަނޑު ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި މަގާމުގައި ދެމިހުންނާނަން،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ރައީސްކަމުގައި އޭނާ ހޭދަކުރެއްވި ފުރަތަމަ ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާފައިވާނެ ކަމަށާއި އެގޮތުން ކްލަބުތަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެއަށްފަހު ދެވަނަ ދައުރުގައި ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު 2016 ވަނަ އަހަރު ވެފައިވާ ވައުދުތައް ވާނީ ފުއްދާފައި. އޭރު ވައުދުވި ގޮތަށް ކްލަބުތަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެވުނު. ނަމަވެސް ދެވަނަ ދައުރުގައި ގިނަ ކަންތައްތަކަށް އުނދަގޫތަކެއް ކުރިމަތިވީ އެފްއޭގެ މާލީ ހާލަތު ގޯސްވުމުން. ކޮވިޑާ ގުޅިގެން ވެސް ގިނަ ދަތިތަކެއް ކުރިމަތިވި. ކޮވިޑުގެ ދުވަސްވަރު ވެސް އަޅުގަނޑުމެން ދިޔައީ ކްލަބުތަކަށް ދޭން ޖެހޭ ފައިސާ އާއި މުވައްޒަފުންނަށް ދޭން ޖެހޭ ފައިސާ ވެސް ދެމުން،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެ ދަތި ދުވަސްވަރުން އަރައިގަނެވުނު އިރު، އެފްއޭއެމަށް ވަނީ މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ކުންފުނިތަކުން ދޭން ޖެހޭ ފައިސާތައް ނުލިބި، ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

"އަޅުގަނޑުމެން 2021 ގެ ސާފް ޗެމްޕިއަންޝިޕަށް ބަޖެޓު ކުރި ވަރަށްވުރެ އިތުރަށް ހަރަދުކުރަން ޖެހުނު. މިދިޔަ އަހަރު ނިމުނު އިރު، އަޅުގަނޑުމެންނަށް 30 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް. ނަމަވެސް މިހާރު އެ ދަރަނި ހަ މިލިއަން ރުފިޔާއަށް ކުޑަކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އެ ދަރަނި ވެސް ކުރިއަށްއޮތް ދެ ތިން މަހެއް ތެރޭގައި ދައްކައި ހަލާސްކުރާނަން،" އޭނާ ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އެފްއޭއެމްގެ މުވައްޒަފުންނަށް ނުދެވި ހުރި މުސާރަތައް ވެސް ކުރިއަށްއޮތް ދުވަސްތަކުގައި ދޭނެ ކަމަށާއި ކްލަބުތަކަށް ވެސް ފައިސާ ދައްކަމުންދާނެ ކަމަށެވެ. އަދި އެފްއޭއެމަށް އިތުރަށް ފައިސާ ވެއްދުމުގެ މަސައްކަތްތައް ވެސް ކުރަމުންގެންދާނެ ކަމަށް ވިދާޅުވިއެވެ.