މި އަހަރުގެ ރިޔާސީ އިންތިޚާބަށް ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތު ފެށުމަށް އެ ޕާޓީގެ ޓީމުތަކުން 36 ރަށަކަށް ގޮސްފިއެވެ.

ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ ޓީމުތައް އިތުރު ރަށް ރަށަށްދާ އިރު ޖުމްލަ 52 ރަށަކަށް ދާން ވަނީ ޕްލޭންކޮށްފައެވެ.

މިއަދު އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނީ، އެއް ފަހަރާ 36 ރަށަކަށް ޓީމުތައް މިހާރު ފުރާފައިވާ ކަމަށެވެ. އަދި, އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުން އަދި އާންމު މެންބަރުން ވެސް މި ދަތުރުތަކުގައި ބައިވެރިވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

"މައި އިވެންޓް އޮތީ ބ. ތުޅާދޫގައި. މި ހަރަކާތުގައި އިސްކޮށް ހުންނަވާނީ ރައީސް ނަޝީދު" އެ ޕާޓީން ބުނެފައިވެއެވެ.

"ދަ ޑިމޮކްރެޓްސް"ގެ އިގުތިސާދީ ފުރަތަމަ ސިޔާސަތު އަމިއްލަ މަސައްކަތުން އާންމުދަނީ ހޯދާ ދިރިއުޅުން ބިނާކުރުމަށް "ފަސޭހަ ވިޔަފާރި" އިއުލާނު ކުރަން މިރޭ ވަނީ ނިންމައިފައެވެ.

ދަ ޑިމޮކްރެޓްސްއަކީ ކުރިން އެމްޑީޕީގައި ތިބި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އުފެއްދި ޕާޓީއެކެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މިހާތަނަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަން އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައި ނުވީ ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނީ މިދިޔަ ހަފުތާގައި އެ ޕާޓީއަށް ސޮއިކުރެއްވި ނަޝީދު ކަމަށެވެ.