އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އިތުރު ހަ ދާއިރާއަކަށް މެންބަރުން ހޮވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު އެ ކޮމިޝަނުން ބޭއްވި ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ އަންނަ އަހަރަށް އިތުރުވާ ގޮނޑިތަކަކީ މާލޭ ސިޓީއަށް ދެ ގޮނޑި އާއި އައްޑޫ ސިޓީއަށް ގޮނޑިއަކާއި މާޅޮސްމަޑުލު ދެކުނުބުރިއަށް ގޮނޑިއަކާއި މާލެއަތޮޅަށް ގޮނޑިއަކާއި ހުވަދުއަތޮޅު އުތުރުބުރިއަށް ގޮނޑިއެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް އީސީން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

މީގެ ކުރިން ހަބީބު "ސަން"އަށް ވިދާޅުވެފައިވާ ގޮތުގައި، މަޖިލިސް މެންބަރުން އިތުރު ކުރަނީ މިފަހުން ރަޖިސްޓާ ކުރި އާބާދީއަށް ބަލައި، އިދާރާތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ސަބަބުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000އަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ކަނޑައަޅާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ދެ ގޮނޑި އިތުރުކުރި ފަހުންނެވެ. އަލަށް އިތުރު ކުރި ހަ ގޮނޑިއާއެކު ދެން މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.