03 May 2012, 16:45
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން( އެމްޖޭއޭ)ގެ ފަރާތުން މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގު ހޯދުމުގެ ކެމްޕެއިނެއް މިއަދު ލޯންޗް ކޮށްފި އެވެ.
ދިޓިވީގެ ސްޓޫޑިއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިންގައި ބޭނުންކުރަން އެމްޖޭއޭ އިން ބޭނުންކުރާ ސްލޯގަން ޖަހާފައިވާ ޓީޝާޓް އިފްތިތާހުކޮށްދެއްވީ މޯލްޑިވުސް މީޑިޔާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޖޭއޭގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ނޫސްވެރިނަންނަށް އެންމެ މުހިންމު އެއް ހައްގު ކަމަށާއި އެހައްގު ހޯދުމަށް އެ ޖަމިއްޔާ އިން ކުރާ މަސައްކަތްތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމާއި އަދި މަޖިލިހުގެ ސަމާލުކަމަށް ގެނެސް މައުލޫމާތު ހޯދުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނޫސްވެރިންނަށް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ނޫސްވެރިން ވަކާލާތުކުރާ އެންމެ ބޮޑު އެއްކަމަކީ. އެހައްގު ލިބިގަތުމަށް ވީހާ ފުޅާދާއިރާއެއްގައި މަސައްކަތްކުރުމުގައި އެމްޖޭއޭ އިން މަސައްކަތްކުރާނެ،" ހިރިގާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޒީފު ވިދާޅުވީ މީޑިޔާގެ މިނަވަންކަމުގެ ދުވަހެއް ފާހަގަކުރަމުން އަންނަ ދުވަހު ބަލާލަން ބޭނުންވާ އެއްކަމަކީ މީޑިޔާގެ މިނިވަންކަން ދެން އޮންނާނީ ކިހިނެއްތޯ އާއި އަދި މީޑިޔާ އޮންނާނީ ކޮން މަރުހަލާއެއްގައިތޯ ކަމަށާއި ނަމަވެސް މީޑިޔާގެ މިނިވަންކަން ދެން ފަހަތަށް ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅު ވިއެވެ.
"މީޑިޔާގެ ކަންކަން ކުރިއެރުވުމަށް ޓަކައި ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ނޫސްވެރިންގެ މަސައްކަތް ކުރިއެރުވުމަށް މީހުން ޓްރެއިން ކުރުން. އެނެއް ކަމަކީ މަސައްކަތްކުރާ މާހައުލު ރަނގަޅުވެގެން ދިއުން،" ނަޒީފު ވިދާޅުވި އެވެ.
ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހާ ދިމާވެގެން އައި އިރު، މީޑިޔާ ކައުންސިލްގެ ދައުރެއް ނެތި އެ ކޮމިޝަނަށް މީހުން އައްޔަން ނުކުރެވި އޮތްއޮތުމާ ދޭތެރޭގައި އެމްޖޭއޭ އިން ވަނީ ކަންބޮޑުވާކަން ފާޅުކޮށްފަ އެވެ. ހިރިގާ ވިދާޅުވީ މީޑިޔާ މީހުން ތިބެގެން ރެގިއުލޭޓްވާ ގޮތަށް އޮތް މީޑިއާ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް އޮތްތާގައި ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އެމްޖޭއޭ އިން ބޮޑަށް ވަކާލާތު ކުރާނީ ވެސް މީޑިޔާގެ ތެރެއިން މީޑިޔާ ރެގިއުލޭޓް ކުރެވޭ ފަދަ މެކޭނިޒަމެއް އޮތުމަކަށް ވެސް ހިރިގާ ވިދާޅުވި އެވެ.
"މީޑިޔާ ކައުންސިލަކީ އޭގެ ޒާތުގައި އޮންނަން ޖެހޭނެ، ނަމަވެސް މީޑިޔާގެ ދައުރު ބޮޑުވެފައި މީޑިޔާ އިން މީޑިޔާ ރެގިއުލެޓް ކުރެވޭނެ މެކޭނިޒަމެއް އުފެދެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލް ކުރެވެނީ،" ހިރިގާ ވިދާޅުވި އެވެ.
އެމްޖޭއޭ އަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ޖަމިއްޔާ އަށް ކަމަށް ބައެއް ނޫސްވެރިން ދެކޭ ކަމަށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހިރިގާ ވިދާޅުވީ އެމްޖޭއޭ އުފެދުނިއްސުރެ ނޫސްވެރިންނަށް ދިމާވާ ހުރިހާ ގޮންޖެހުންތަކާއި ޗެލެންޖުތަކާއި ކުރިމަތިލާ ކަމަށާއި އެގޮތުން ވަކި ނޫސްވެރިއަކަށް ވަކި ކުލައަކަށް ބެލުމެއް ނެތި މިހާތަނަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް އެގޮތަށް އެ ޖަމިއްޔާ އިން ނޫސްވެރިންނަށް ދިމާވާ ކަންކަމުގައި އެހީތެރިވެދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވަކާލާތުކުރަނީ އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީ އޮންނަ ގޮތަކީ އަޅުގަނޑުމެން ބޭހެނޭ ކަމެއް ނޫނޭ. ނަމަވެސް ނޫސްވެރިކަމުގެ ޕްރޮފެޝަނަށް ގެއްލުން ލިބޭނެ ކޮންމެ ވަގުތެއްގައި އަޅުގަނޑުމެން އެބޭފޫޅުންގެ ދިފާއުގައި ތެދުވާނެ،" ހިރިގާ ވިދަޅުވި އެވެ.
އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް މުންޑޫ އާދަމް ހަލީމް ވިދާޅުވީ އެމްޖޭއޭ ކިޔައިގެން ބަޔަކު ވާހަކަތައް ދައްކަނީ ވެސް ގިނަ މަސައްކަތްތަކެއް އެ ޖަމިއްޔާ އިން ކުރާތީ ކަމަށެވެ.
އެމްޖޭއޭގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ނާއިބު ރައީސް އަލީ ޝައްމާނާއި ހަޒާންދާރު، އަދި ދި ޓީވީގެ އެޑިޓަރު މިދުހަތު އާދަމް ވެސް ބައިވެރިވެވަޑައިގަތެވެ.