ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ މަޝްހޫރު އޮންލައިން އެޕްލިކޭޝަން ޓިކްޓޮކްއިން އައިއޯއެސް ޑިވައިސްތަކަށް ޕާސްކީ ލޮގިން ތައާރަފުކޮށްފިއެވެ.

ޕާސްކީ ލޮގިން ތައާރަފުކުރުމުން، ފޭސް ނުވަތަ ޓަޗް އައިޑީ ބޭނުންކޮށްގެން، އެމީހުންގެ ޑިވައިސްތަކުގައި ޓިކްޓޮކް އެކައުންޓްތަކަށް ސައިންއިން ކުރެވޭނެއެވެ. އެއީ އައިފޯން ނުވަތަ އައިޕެޑްގައި ޓިކްޓޮކް އެކައުންޓްގެ މައުލޫމާތު މިހާރަށްވުރެ ފަސޭހަކޮށް އަދި ރައްކާތެރިކޮށް ގެންގުޅެވޭނެކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެކަމަކު އެ ޚިދުމަތް ލިބޭނީ ހަމައެކަނި އައިއޯއެސް 16 އާއި އައިޕެޑްއޯއެސް 16 ބޭނުންކުރާ ޑިވައިސްތަކަށް ކަމަށްވެސް ޓިކްޓޮކްއިން ބުނެއެވެ.

ޓިކްޓޮކްއިން ބުނީ ބައެއް ސަރަޙައްދުތަކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް މިމަހުގެ ތެރޭގައި ޕާސްކީ ތައާރަފުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި އޭޝިއާ، އެފްރިކާ، އޮސްޓްރޭލިއާ އަދި ދެކުނު އެމެރިކާ ވެސް ހިމެނޭނެ ކަމަށާއި، އެއަށްފަހު ކުރިއަށް އޮތްތަނުގައި އެހެން ސަރަޙައްދުތަކަށް ވެސް ޕާސްކީތައް ފުޅާކުރާނެ ކަމަށެވެ.

ޓިކްޓޮކުން އަބަދުވެސް ބަލަނީ ޓިކްޓޮކް ބޭނުންކުރާ މީހުންނަށް، އެމީހުންގެ އެކައުންޓްތަކާއި ޒާތީ މައުލޫމާތުތައް ރައްކާތެރިކުރުމަށް އީޖާދީ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް އެ ޕްލެޓްފޯމުން ބުނެފައިވެއެވެ.

ޓިކްޓޮކަކީ ޗައިނާގައި ބޭނުންކުރުން މަނާ އެޕެކެވެ. އެ އެޕްގެ މައި ކުންފުނި "ބައިޓް ޑާންސް" ޗައިނާ އަށް ނިސްބަތް ވި ނަމަވެސް، ޓިކްޓޮކްގެ މައި އޮފީސް ހުންނަނީ ސިންގަޕޫރުގައެވެ.

ޓިކްޓޮކް އެޕްލިކޭޝަން ވައިރަލްވި ފަހުން، އެމެރިކާއަށް ނިސްބަތްވާ "މެޓަ" ގެ އިންސްޓަގްރާމާއި، ފޭސްބުކް ފަދަ ޕްލެޓްފޯމުތަކަށް ވަނީ ވާދަވެރިކަން އިތުރުވެފައެވެ.

ޓިކްޓޮކާ ވާދަކުރަން އިންސްޓަގްރާމާއި، ޔޫޓިއުބް އަދި ސްނެޕްޗެޓުން ވެސް ވަނީ ކުދި ވީޑިއޯތައް ހުންނަ ރީލުތައް ހިމަނައިފައެވެ. ނަމަވެސް، ކުރު ވީޑިއޯ ހެދުމުގައި ޓިކްޓޮކާ އަދި އެއްވަރެއް ނުވެއެވެ.