18 Jul 2023, 14:21
ޖިއްދާ (18 ޖުލައި 2023): ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޖިއްދާގައި ހުންނަ އައްސަލާމް ގަނޑުވަރުގައެވެ. އައްސަލާމް ގަނޑުވަރުގައި ދެބޭފުޅުން ކުރެއްވި ރަސްމީ މަޝްވަރާތަކާބެހޭ ވަރަށް ކުޑަ މިންވަރެއްގެ މައުލޫމާތެއް މެނުވީ ސައޫދީއާއި ތުރުކީގެ ރަސްމީ ފަރާތްތަކުން މިޑީއާއަށް ހާމަކޮށްފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ދެ ބޭފުޅުންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިގްތިސާދާއި އިންވެސްޓްމަންޓާއި ވިޔަފާރީގެ ދާއިރާތަކުގައި ދެ ގައުމުގެ ގުޅުންތައް ބަދަހިކުރުމާބެހޭގޮތުންނެވެ. އިގްތިސާދީ އެކި ދާއިރާތަކުގައި އެއްގައުމުން އަނެއް ގައުމުގައި އިންވެސްޓްކުރުމާ ބެހޭގޮތުންނެވެ.
އަލްޖަޒީރާ ބުނާގޮތުން އެރުދުޣާން އާއި ބިން ސަލްމާންގެ މަޝްވަރާތަކަށްފަހު ތުރުކީއާއި ސައޫދީ މަސްއޫލުވެރިންވަނީ ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މީގެތެރޭގައި ހިމެނެނީ އާންމު ސިނާއަތާއި މުވާސަލާތުގެ ދާއިރާއާއި ހަތިޔާރުގެ ސިނާއަތާއި ހަކަތައާބެހޭ އެއްބަސްވުންތަކެވެ.
މި އެއްބަސްވުންތައް ބިނާކޮށްފައިވަނީ މިދާއިރާތަކުގައި ދެގައުމުންކުރެ ކޮންމެ ގައުމަކުންވެސް އަނެއްގައުމުގައި ސީދާގޮތެއްގައި އިންވެސްޓްކުރުމުގެ މައްޗަށް ކަމަށް އަލްޖަޒީރާ ބުނެއެވެ.

އެރުދުޣާން ބިން ސަލްމާން އަށް ދެއްވި ތުރުކީގައި އުފައްދާ ބެޓްރީ ކާރު
ތުރުކީއަކީ ވަރަށް ބާރު ދުވެއްޔެއްގައި ސިނާއީ ގޮތުން ކުރިއަރަމުން އަންނަ ގައުމެކެވެ. ޚާއްސަކޮށް އަސްކަރީ ސިނާއަތުގައެވެ. ސައޫދީއަކީ ސިނާއީ ގައުމަކަށް ވުމަށް ބޭނުންވާ ފަންނީ ތައުލީމު ހޯދައި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދާ ގައުމެކެވެ. އެހެންކަމުން އަސްކަރީ ސިނާއަތުގައި ތުރުކީގެ އެހީތެރިކަން ސައޫދީއަށް ވަރަށް ބޮޑެވެ.
އަނެއްކޮޅުން ތުރުކީއަކީ ތެލާއި ހަކަތައިގެ އެހެން ބާވަތްތަކަށް ފެންބޮވައިގެންފައިވާ ގައުމެކެވެ. ސައޫދީއަކީ މިކަމުގައި ތުރުކީއަށް އެހީތެރިވުމުގެ ގާބިލްކަން ހުރިގައުމެކެވެ.
އެރުދުޣާން ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި އޭނާވަނީ ތުރުކީގައި އުފައްދާ ބެޓްރީ ކާރުގެ ދެކާރު ގެންދަވައި އެދެކާރު ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އަށާއި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ހަދިޔާ ކުރައްވާފައެވެ. މުހައްމަދު ބިން ސަލްމާން ވަނީ އޭނާއަށް ލިބިވަޑައިގެންނެވި ކާރު ތަޖުރިބާކޮށްލެއްވުމުގެ ގޮތުން އަމިއްލައަށް ދުއްވާލައްވާފައެވެ.
އެރުދުޣާން ސައޫދީއަށް މިވަޑައިގެންނެވީ ގަލްފުގެ ތިން ގައުމަކަށް އޭނާ ކުރައްވާ ދަތުރުފުޅެއްގައެވެ. ސައޫދީއަށްފަހު އެރުދުޣާން ދެން ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށެވެ. އެއަށްފަހު ގަތަރަށެވެ.
ސައޫދީ އާއި ތުރުކީއަކީ ކުރިން ގުޅުންތައް ވަރަށް ގޯސް ދެގައުމެވެ. ގުޅުންތައް އެންމެ ބޮޑަށް ގޯސްވީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގެ ތެރޭގައި ސައޫދީ ލިޔުންތެރިއެއްކަމަށްވާ ޖަމާލް އަލްޚާޝުގްޖީ 2017 ވަނަ އަހަރު ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ޚާޝުގްޖީ އަކީ ބިން ސަލްމާންގެ ސިޔާސަތަށް ފާޑުވިދާޅުވާ މިނިވަން ލިޔުންތެރިއެކެވެ.
މިޖަރީމާ ހިންގާފައިވަނީ ސައޫދީ ސަރުކާރަށް އެނގިގެން އެގައުމުގެ މެދުފަންތީގެ މަސްއޫލުވެރިންކަން ތުުރުކީން ކުރި ތަހުގީގުތަކުން ހާމަވެފައިވާތީ އެދުވަސްވަރު އެރުދުޣާންވަނީ އެޖަރީމާގެ ތުހުމަތު ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ އިސްތަށި ފުޅުގައި ނުސީދާގޮތެއްގައި އަޅުވާފައެވެ.
އެޖަރީމާ ހިންގިކަމަށްވަނީ ސައޫދީ ސަރުކާރުން ޖެޓެއްގައި އިސްތަންބޫލްއަށް ފޮނުވި ބަޔަކު ސައޫދީ ކޮންސިއުލޭޓްއަށް ގޮސް ކޮންސިއުލޭޓްގައި ތިބި މަސްއޫލުވެރިންނާ ގުޅިގެންކަން އެދުވަސްވަރު ތުރުކީގެ ތަހުގީގީ އިދާރާތަކުންވަނީ ހާމަކޮށްފައެވެ.
މިޖަރީމާއާ ގުޅިގެން އެމެރިކާއާއި ސައޫދީއާދެމެދުވެސް ބޮޑެތި މައްސަލަތަކެއް ޖެހުނެވެ. އެއީ ސައޫދީ އިސްފަރާތްތަކުގެ އަތެއް އޮވެގެން ހިންގި ޖަރީމާއެއްކަމަށް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ހާމަކުރުމާ ގުޅިގެންނެވެ.
ސައޫދީއާއި އެމެރިކާގެ ގުޅުންތައް ގޯސްވީ މިމައްސަލައާ ގުޅިގެންނެވެ. ޚާއްސަކޮށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން މިމައްސަލާގައި ސައޫދީ ވަލީއުލްއަހްދާ ދެކޮޅަށް ދެއްކެވި ހަރުކަށި ވާހަކަތަކާ ގުޅިގެންނެވެ. މިހާރު ސައޫދީއާއި އެމެރިކާގެ ގުޅުންތައް އޮތީ ކުރިއާ އަޅާބަލާއިރު ވަރަށް އާދައިގެ ގޮތަކަށެވެ.
ސައޫދީގެ ސިޔާސަތުތައް މިހާރު ގެންގުޅެނީ އެމެރިކާ ބުނާހާ ގޮތަކަށް ނޫނެވެ. ސައޫދީގެ ސިޔާސަތުތަކަށް މިފަހަކަށް އައިސް ގެންނަމުންދާ ބަދަލުތަކާއެކު ސައޫދީވަނީ ތުރުކީއާވެސް ވަރަށް ބަދަހި ގުޅުންތަކެއް ގާއިމްކުރަން ފަށާފައެވެ.
މީގެއިތުރުން ސައޫދީ ސަރުކާރުންވަނީ އެގައުމުގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އީރާނާއެކުވެސް ގުޅުންތައް އުފައްދައި އީރާނުގައިވެސް ބައެއް ދާއިރާތަކުގައި އިންވެސްޓްކުރާނެކަން ހާމަކޮށްފައެވެ. އީރާނާއި ސައޫދީ ގާތްވާތީ އީރާނުގެ އިތުރުން ޗައިނާއާއި ރަޝިއާއާވެސް ސައޫދީ ގާތްވަމުންދާތީ އެމެރިކާވަނީ ސައޫދީއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.