މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން ނެރެން މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ލިސްޓް ނެރޭނެ ތާރީޚަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރަމުން އަންނަ ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބަކީ، މި މަސް ނިމުމުގެ ކުރިން ލިސްޓު ނެރެން މަސައްކަތް ކުރަމުންދާކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވި އިރު، ޖުމްލަ 36،000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގޯއްޗަށް އެދި 15،164 ފޯމާއި، ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14،489 ފޯމުގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމު ހުށަހަޅާފައިވެއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ އެ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ނަންތައް މިދިޔަ މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 26ގައި ސަރުކާރުން އާންމުކުރީ ހަމައެކަނި ގޯތި ލިބޭ މީހުންގެ ލިސްޓެވެ.

އެ ލިސްޓުގައި ގޯތި ލިބޭ ކަމަށް 10،314 މީހުންގެ ނަން ހިމަނާފައިވާއިރު، ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9،500އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުން މީގެ ކުރިން ނިންމާފައި އޮތީ 5،000 ގޯތި ދޫކުރަން ނަމަވެސް މިމަހުގެ ދެވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ އަދަދު 6،200އަށް އިތުރުކޮށްފައިވާކަން އިއުލާންކުރައްވާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.