ވެރިކަން ލިބިއްޖެނަމަ މާލެ އާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލެއް އަޅައިދޭނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ސަލްޓަން ޕާކްގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ޒުވާނުންނާ ބައްދަލުކުރައްވައި ނާޒިމް ވިދާޅުވީ، ބްރިޖްގެ އަރިމަތިން ލާފައިދާނެ މޮނޮރެއިލެއް އެޅުމަކީ އެއްވެސް ކަމެއް ނޫން ކަމަށާއި އެއީ "ފީޒިބަލް" ކަމެކެވެ. އެގޮތުން ސިނަމާލެ ބްރިޖް ހެދި އަގަށް ވުރެ މާ ހެޔޮކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލް އެޅޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މޮނޮރެއިލްއަކީ އެއް ރެއިލެއްގައި ރޭލު ދަތުރުކުރާ ރެއިލްރޯޑް ސިސްޓަމެކެވެ.

މޮނޮރެއިލް އެޅުމަކީ އެއްވެސް ކަމެއް ނޫންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، ބްރިޖް ހަދާފައި ވަނީ ޗައިނާ ސަރުކާރުން ރާއްޖެ އަށް ކޮންމެ އަހަރަކު ދޭ ހިލޭ އެހީގެ ފައިސާ ތިން އަހަރު ދުވަހު އެއްކޮށްގެން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ހިލޭ އެހީގެ ބަޔަކާއި ފައިސާ ދީގެން މޮނޮރެއިލް އެޅޭނެ. އެ އަށް ވުރެ މާ ހަރަދު ކުޑަ ވާހަކައެއް މި ދައްކަނީ. މި ބްރިޖަށް ވުރެ މި މޮނޮރޮއިލް މާ އަގު ހެޔޮވާނެ." ނާޒިމް ވިދާޅުވިއެވެ.

ސަލްޓަން ޕާކްގައި ޒުވާނުންނާ ބައްދަލުކުރައްވައި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްއެންޕީ

ނާޒިމް ވިދާޅުވީ އެންމެ ފުރަތަމަ ބްރިޖް ކުރެހިއިރު ބްރިޖާއިއެކު މޮނޮރެއިލްއެއް ކުރަހާފައި އޮންނާނެ ކަމަށެވެ.

"މިއަދުގެ ހާލަތަކީ މާލެއިން ހުޅުމާލެއަށް ދާން 40 މިނެޓު ހޭދަވޭ. ހުޅުމާލޭގެ އާބާދީ މިއަދު 40 ހާހަށް އެރީމަ މާލޭގަ އެއްލައްކަ ތިރީސް ހާސް މީހުން އުޅެފަ ދިޔާމަ ބްރިޖުގެ ހާލަތު އެ އޮތީ. އަބަދުވެސް ބާރު ބޮޑުވެފަ. އެހެންވީމަ މިފަދަ ޓްރެއިންއަކުން ގުޅުވާލީމާ ކާކުތޯ ކޮންމެހެން ކާރުގައި ދާން ބޭނުންވާނީ. ކޮންޖެސްޝަން ފިލީއޭ. ކުރެވޭނެ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ސިނަމާލެ ބްރިޖް ހަދަން ރޭވީ ހަ ލޭނަށް ކަމަށާއި އެހެންނަމަވެސް ޔާމީންގެ ސަރުކާރުން އެކަން ނުކުރީ ކަމަށެވެ. އެއާ ޚިލާފަށް އޭނާގެ ސަރުކާރެއްގައި އެކަން ކުރާނެކަމުގެ ޔަގީންކަން ނާޒިމް ވަނީ އަރުވައިފައެވެ. އަދި މާލެއާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލް އެޅޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެކަން ކުރާ އިންޖިނިއަރުން ދީފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާ ޔަގީން ކުރައްވާ. ފަސް އަހަރުގެ ތެރޭގައި އެ މޮނޮރެއިލް އަޅާފައި އަޅުގަނޑުމެން ދައްކާނަން." ނާޒިމް ވިދާޅުވިއެވެ.