03 May 2012, 16:03
އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން އަތޮޅުތަކުގައި ރީޖަނަލް ފަޔާ ފައިޓިން ޓްރޭނިން ސްކޫލްތަކެއް ގާއިމްކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓާ މުހަންމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި މިއަދު ހުޅުވި "ފަޔާ އެންޑް ރެސްކިޔު ޓުރެއިނިން ސުކޫލް" ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވެ އެކަމަށް ހޭލުންތެރި ކުރުމަށް މާގިނަ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށާއި ނަމަވެސް އެއީ ރައްޖޭގެ ރައްޔިތުން ހޭލުންތެރި ކުރަން ޖެހިފައިވާ މުހިންމު ދާއިރާއެއް ކަމަށެވެ.
"އަޅުގަނޑު މިހަފްތާގައި މިއައީ ރާއްޖޭގެ ދެކުނާއި އުތުރުގެ ބައެއް ރަށްރަށައް ދަތުރު ކޮއްފަ މިދަތުރުތަކުގައި ރައްރަށުގެ ކައުންސިލުން އެންމެ ބޮޑައް އެދުނު އެދުމަކީ އަލިފާނުން ރައްކާތެރި ވުމަށްހޭލުންތެރި ކުރުމުގެ ޕުރޮގުރާމް ތަކެއް ހިންގައި ދިނުން" ނާޒިމް ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެން ނިންމާފައި މި ވަނީ ރީޖަނަލް ފަޔާ ފައިޓިން ޓްރޭނިން ސްކޫލްތަކެއް ރާއްޖޭގެ އެންމެ އާބާދީ ބޮޑަތި ސަރަހައްދު ތަކުގައި ގާއިމްކުރުމަށް، އެތަންތަނުން މަދަނީ ފަޔާ މަނުން ތަމްރީން ކުރެވޭނެ،"
މިނިސްޓަރު ވިދާޅުވީ ސިފައިން ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅު ކުރަން ޖެހިފައިވާއިރު ފަޔާ ފައިޓިން ސްކޫލްތަކަކީ އެ މަސައްކަތަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި އެ މަނިކުފާނު މަސައްކަތް ކުރައްވަނީ އެ މަގުން ކަމަށްވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ "ފަޔާ ރެސްކިއު" ޔުނިޓަށް 20 އަހަރު ވެއްޖެކަމަށާއި އެ ޔުނިޓްތައް މިއަދު މިސްރާބު ޖަހާފައިވަނީ ގާބިލު ފަޔާ މަނުންނާއި ކުއްލި ހާލަތައް ތައްޔާރު ވެފަތިބި ފަޔާމަނުން ހިމެނޭ ގާބިލް ޓީމެއް އުފެއްދުމަށް ކަމަށެވެ.
"މިއަދު މިހުޅެވުނު ސުކޫލުގެ ސަބަބުން ގާނޫނު އަސާސީން ދިވެހި ސިފައިން ގާނުނުގެ ރައްޔިތުނަށް ސިފައިނަށް މަތިކޮއްފައިވާ ގާނޫނީ މަސްއޫލިއްޔަތު އުފުލުމަށް ބޭނުން ވާ އިލްމާ ހުނަރާއި އަހުލާގާ ސުލޫކު ފަޔާ ފައިޓަރުންގެ ކިބައިގައި އެކުލެވޭނެ ސުކޫލެއް" ނާޒިމް ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު ހުޅުވުނު ސްކޫލަކީ ފުރާނަޔާއި މުދާ ސަލާމަތް ކުރުމަށް ޓަކައި ފަޔާފައިޓުންނާއި ހަވާލުކުރެވިފައިވާ ގައުމީ ވާޖިބް އަދާކުރުމަށް ބޭނުންވާ އިލްމާއި ހުނަރު އަދި އަހްލާގު އޭގެ އެންމެ މަތީ ފެންވަރުގައި އަށައިގެންނެވުމަށްޓަކައި ވުޖޫދައްގެނައި ސުކޫލެއް ކަމަށެވެ. އަދި މިސުކޫލުގައި ފަޔާ ޓުރެއިނިން އެތައް ކޯސް ތަކެއް ސިފައިނަށް ހިންގާނެކަމަށާއި ކުރިއަށް އޮތް ތަނުގައި އާންމުނަށް ހުޅުވައިލައިގެން ކޯސްތަކެއް ހިންގުމަށް ވިސްނާފައި ވާ ކަމަށްވެސް ބުންޏެވެ.
މިއަދުގެ ހަފްލާގައި ޓުރެއިނިން ސުކޫލު މަރާމާތު ކުރުމަށްޓަކައި އެހީތެރިވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން 6 ބޭފުޅަކަށް ހަދާނީ ފިލާ އާއި 38 ބޭފުޅަކަށް ހަދާނީ ލިޔުން ދެއްވާފައި ވެއެވެ. އެ ހަފްލާގައި ފަޔާ އެންޑް ރެސްކިޔު ޓުރެއިނިން ސުކޫލްގެ ބޭފުޅުންވަނީ އަލިފާނުގެ ހާދިސާ ތަކުން ރައްކާތެރި ވާނެ ގޮތް ދައްކުވައިދޭ ދެމޮސްޓުރޭޝަނެއް ދައްކާލާފަ އެވެ.