18 Jul 2023, 11:10
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓް ލުމަށް ރީ ރެޖިސްޓްރީ ކުރެވޭނީ ރާއްޖޭގެ ޓެލެކޮމް ކުންފުންޏަކުން ދޫކޮށްފައިވާ ސިމްއަކަށް އަންނަ އޯޓީޕީއެއް ބޭނުން ކޮށްގެން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ވެސް ރީވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު މިއީ ރާއްޖޭގައި ބާއްވާ ބޮޑު އިންތިޚާބެއްގައި އެ ފުރުސަތު ދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޅިން ރީރެޖިސްޓްރީ ވަމުން ދިޔައީ ފޯމް ހުށަހަޅައިގެންނެވެ.
އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު "ސަން"އަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބެގެން އޮންލައިންކޮށް ރީރެޖިސްޓާވުމަށް ދަތިވާ ސަބަބަކީ ރާއްޖޭގައި ބޭނުން ކުރާ ނަމްބަރަކަށް އަންނަ އޯޓީޕީއެއް ބޭނުންކޮށްގެން ނޫނީ އެ ޚިދުމަތް ފުރިހަމަ ނުކުރެވޭތީ ކަމަށެވެ.
"މެއިލްއަށް އޯޓީޕީ އަންނަ ގޮތް ހަދައިފިނަމަ އޮޅުވާލައިގެން ރީރެޖިސްޓްރީ ކުރުން ފަދަ ކަންކަން ކޮށްފާނެތީ ސެކިއުރިޓީ ރީޒަންއަކަށްޓަކައި ހަމައެކަނި ނަމްބަރަކަށް އޯޓީޕީ އަންނަ ގޮތަށް ހަމަޖެއްސީ." ހަސަން ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން އެ ގައުމެއްގެ އެމްބަސީއަށް ފޯމް ހުށަހަޅައިގެން ރީރެޖިސްޓްރީ ކުރެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ރާއްޖޭން ބޭރުގައި ތިބެގެން ވެސް އޮންލައިންކޮށް ރީރެޖިސްޓްރީ ވުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރީރެޖިސްޓްރީ ވުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ހަވީރު 04:00ގައެވެ. މި މުއްދަތުގެ ތެރޭގައި ރީރެޖިސްޓްރީ ވާންޖެހޭނީ، ރެޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން އެދޭ މީހުނެވެ.
ނަމަވެސް، 2020ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީރެޖިސްޓާވި މީހުން، ރިޔާސީ އިންތިޚާބުގައި އަލުން ރީރެޖިސްޓާވާން ނުޖެހޭނެކަމަށް މީގެކުރިން އީސީން ވަނީ ނިންމާފައެވެ.
މިއަހަރުގެ އިންތިޚާބުގައި ވޯޓު ލުމަށް 604 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. ނަމަވެސް، ރީރެޖިސްޓްރޭޝަނަށް ފަހު މި އަދަދަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި އަހަރުގެ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.