ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ވެސް އާސެނަލާ އިތުރު ކުޅުންތެރިން ގުޅިދާނެ ކަމަށް އެ ކްލަބުގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑު ހަރަދެއް ކުރާ އެއް ކްލަބަކީ އާސެނަލެވެ. ދާދި ފަހުން އާސެނަލުން ވަނީ ކްލަބުގެ ރެކޯޑު އަގަކަށް، 105 މިލިއަން ޕައުންޑް (137 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއަކަށް ވެސްޓް ހާމްގެ ކެޕްޓަން ޑެކްލަން ރައިސް ވެސް ގެނެސްފައެވެ.

ރައިސްގެ އިތުރުން ޗެލްސީއަށް ކުޅެމުންދިޔަ ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް އާއި އަޔެކްސްއަށް ކުޅެމުންދިޔަ ނެދަލެންޑްސް ޑިފެންޑަަރު ޖުރިއެން ޓިމްބާ ވެސް އާސެނަލުން ވަނީ ގެނެސްފައެވެ. އެ ތިން ކުޅުންތެރިން ހޯދުމަށް އާސެނަލުން ވަނީ ޖުމުލަ 200 މިލިއަން ޕައުންޑް (261 މިލިއަން ޑޮލަރު) ހަރަދުކޮށްފައެވެ.

"ކުރިއަށްއޮތް ދުވަސްތަކަށް އިންތިޒާރު ކުރަންވީ. އަދިވެސް ޓްރާންސްފާ މާކެޓު ބަންދުވާން ދުވަސްތަކެއް އެބައޮތް. އާސެނަލުން އަދިވެސް ކުޅުންތެރިންތަކެއް ފެނިދާނެ. އަހަރެމެން އަދިވެސް ހުންނާނީ ހުޝިޔާރުވެގެން. އަހަރެންނަށް ޔަގީން ކަންތައްތަކެއް ވެގެންދާނެ،" އާޓެޓާ ބުންޏެވެ.

ފަހުގެ ތާރީހެއްގައި އާސެނަލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓާ އެންމެ ގާތަށް ދެވިފައިވަނީ މިދިޔަ ސީޒަނުގައެވެ. މިދިޔަ ސީޒަނުގައި ލީގުގެ އެއްވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު، ސީޒަންގެ ފަހުކޮޅު ނަތީޖާތައް ގޯސްވުމާ ގުޅިގެން އެ މަގާމު ވަނީ ގެއްލިފައެވެ. އެއާއެކު މެންޗެސްޓާ ސިޓީން ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

މިދިޔަ ސީޒަންގައި ލީގު ތަށި ގެއްލިގެންދިޔަ ސަބަބާ ގުޅޭގޮތުން އާޓެޓާ ބުނެފައިވާ ގޮތުގައި ކުޅުންތެރިންނަށް އަނިޔާވެ، ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން ސްކޮޑުގައި ނެތުމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީއެވެ. އެއާއެކު ދެން އަމާޒަކަށްވާނީ ސްކޮޑު ވަރުގަދަަކުރުން ކަމަށް މީގެ ކުރިން އާޓެޓާ ބުނެފައިވެއެވެ.