18 Jul 2023, 08:19
މިހާރަކަށް އައިސް ފިލްމުތައް ރިލީޒްކުރެވޭ ތާރީޚުތައް ފުށު އެރިނަމަވެސް ފިލްމު ޕްރޮޑިއުސަރުން އެކަމަށް ޙައްލު ހޯދަން ބޭނުންނުވާތީ ކަރަންޖޯހަރު އެކަމަށް ވަރަށްބޮޑަށް ފާޑުކިޔައިފިއެވެ.
ބައެއް ޕްރޮޑިއުސަރުން ފިލްމު ރިލީޒްކުރާ ތާރީޚުތައް އިޢުލާނުކުރާއިރު ފުށު އަރާ ފިލްމުތަކުގެ ޕްރޮޑިއުސަރުން ނުވަތަ ފިލްމު ކުންފުންޏާއެކު އެއްވެސްވަރަކަށް މަޝްވަރާ ނުކުރާތީ އެއީ ވަރަށް ޒިންމާކުޑަ ޢަމަލެއްގެގޮތުގައި ކަރަންވަނީ ސިފަކޮށްފައެވެ.
ދަރުމާ ކުންފުނީގެ ވެރިޔާ އަދި ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ކަރަންގެ ނުރުހުން ޕްރޮޑިއުސަރުންނަށް އަމާޒުކޮށްފައިވަނީ، ކެޓްރީނާ ކައިފް އަދި ވިޖޭ ސެތުޕަތީގެ ފިލްމު "މެރީ ކްރިސްމަސް"އާއި ކަރަން ޕްރޮޑިއުސްކުރާ ފިލްމު "ޔޮދާ" ރިލީޒްކުރާ ތާރީޚު ފުށުއެރުމާ ގުޅިގެންނެވެ.
ފިލްމު "މެރީ ކްރިސްމަސް" އެކޭ އެއްގޮތަށް ކަރަންގެ ފިލްމު "ޔޮދާ"އަކީވެސް ރިލީޒްކުރާނެ ތާރީޚު ކުރިން ކަނޑައެޅި އެކި ފަހަރުމަތިން އެ ތާރީޚުތަކަށް ބަދަލު އައިސްފައިވާ ދެ ފިލްމެވެ. އެހެންނަމަވެސް ފިލްމު "ޔޮދާ" ރިލީޒްކުރާނެ ފަހު ތާރީޚު މާކުރިން ކަރަންވަނީ ކަނޑައަޅައި އެކަން އިއުލާނުވެސްކޮށްފައެވެ. އިންސްޓަގްރާމް ތްރެޑްސް މެދުވެރިކޮށް ކަރަން ކުރި ދިގު ޕޯސްޓުގައި ބުނެފައިވަނީ، ފިލްމުތަކުގެ ތާރީޚުތައް ކަނޑައަޅައި ނިންމާލާއިރު ފޯނު ކޯލެއް މެދުވެރިކޮށް އެކަން އެއް ޕްރޮޑިއުސަރުން ނުވަތަ ސްޓޫޑިއޯތަކުގެ މެދުގައި އެކަމާގުޅޭގޮތުން މުޢާމަލާތުނުކުރެވުމަކީ އެންމެ ރަގަޅުގޮތް ނޫންކަމަށެވެ.
ތިއޭޓަރުގެ ވިޔަފާރީ އެހާ ދަށް ދުވަސްވަރެއްގައި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތްކުރުމަކީ އެކަމުގެ ފައިދާ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެނަށްވެސް ލިބޭނެކަމެއްކަމުގައި ދެކޭކަމަށް ކަރަންވަނީ ބުނެފައެވެ. އެގޮތަށް ޢަމަލު ނުކުރެވެންޏާ އެއްބައެއްގެގޮތުގައި މަސައްކަތްކުރުމުގެ ބޭނުމެއް ނެތްކަމަށްވެސް ކަރަންވަނީ ބުނެފައެވެ.
މިމަހުގެ ކުރީކޮޅު ރިލީޒްކުރެވޭނެކަމަށް އިއުލާނުކުރި ފިލްމު "ޔޮދާ"އަކީ ސިދާތް މަލްހޯތްރާ ލީޑްރޯލްއިން ފެންނަ އެކްޝަން ތްރިލާއެކެވެ. ސިދާތުގެ ކުރިޔަށްހުރި ފިލްމުތަކުގެތެރެއިން އެންމެ އުއްމީދީ ފިލްމުކަމަށްވާ "ޔޮދާ"އާއި "މެރީ ކްރިސްމަސް" އެއް ތާރީޚެއްގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު މި ދެފިލްމުން ކުރި ހޯދާނީ ކޮން ފިލްމެއްކަމާމެދު ސުވާލުއުފެދެއެވެ. ކޮންމެއަކަސް މި ދެ ފިލްމަކީވެސް ބެލުންތެރިންގެތެރެއިން ގިނަބަޔަކު އިންތިޒާރުކުރާ ދެ ފިލްމެވެ.