ފިލްމު "އެކްސްކިއުޒްމީ" އަދި "ސްޓައިލް"ފަދަ ކޮމެޑީ ފިލްމުތަކުން އެކީގައި ފެނުނު ސާހިލް ޚާންއާއި ޝަރުމަން އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ދެހާހުގެ އަހަރުތަކުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ކޮމެޑީ ފިލްމު "އެކްސްކިއުޒްމީ"ގެ ދެ ތަރިން އެކީގައި ފިލްމަކަށް ތައްޔާރުވަނީ ބާވީސް އަހަރަށް ފަހުއެވެ.'

ސާހިލް ޚާންއާއި ޝަރްމަންގެ ފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ނިންމާފައިނުވާއިރު ދެ އެކްޓަރުންނާއެކު ބަތަލާގެ ރޯލްއިން ފެންނާނީ މުޅިން އާ ތަރިއެއްކަމަށް މައުލޫމާތު ލިބެއެވެ. ރިޕޯޓުތަކުން ބުނާގޮތުގައި މިފިލްމުގެ ޑައިރެކްޓަރަކީ، ސޭމް ޚާންއެވެ. އަބޫ ދާބީގައި ފިލްމުގެ ބޮޑު ބައެއް ޝޫޓުކުރުމަށް ނިންމާފައިވާއިރު ވަރަށް އަވަހަށް ފިލްމާބެހޭ މަޢުލޫމާތު އާއްމުކުރާނެކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ފިލްމު "3 އިޑިއަޓްސް"ގެވެސް މުހިއްމު ރޯލް ކުޅެފައިވާ ޝަރުމަން ބުނެފައިވަނީ ސާހިލްއާއެކު އިތުރު ފިލްމެއްގެ މަސައްކަތްކުރެވޭތީ އެކަމާ ވަރަށް އުފާވާކަމަށެވެ.

ސާހިލްއާއެކު ޝަރުމަން ކުޅުނު ފިލްމުތަކުގައި ދެ މީހުންގެ ކެމިސްޓްރީ ބެލުންތެރިން މާބޮޑަށްވެސް ބަލައިގަތްކަމަށާއި ފިލްމު "3 އިޑިއަޓްސް"އަކީވެސް އެފިލްމުތަކާއެކު ފަހިވި ފުރުސަތެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު ހިތޭޝް ބުނެފައިވަނީ، ސާހިލްއާއި ޝަރުމަން ހިމަނައިގެން ފިލްމެއް ގެނެސްދިނުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މި ދެތަރިންގެ ކެމިސްޓްރީ މިހާރުގެ ޖީލުތަކާއެކު ހިއްސާކުރުމެވެ.

ވައިޓް ލަޔަން މޯޝަން ޕިކްޗާސްއިން އުފައްދަން ނިންމާފައިވާ މިފިލްމަކީ ބެލުންތެރިން ހެއްވާލެވޭފަދަ ވަރުގަދަ ފިލްމަކަށް ވާނެކަމަށް އުއްމީދުކުރާކަމަށް ޕްރޮޑިއުސަރު ހިތޭޝްވަނީ ބުނެފައެވެ. ސާހިލް ޚާންގެ ފިލްމެއް އެންމެފަހުން ރިލީޒްވެފައިވަނީ 2010ވަނަ އަހަރުއެވެ. ފިލްމީ ދާއިރާއަށްވުރެ ބޮޑަށް ސާހިލް ބޮޑަށް ފެނިފައިވަނީ ފިޓްނެސް ދާއިރާއިންނެވެ.

އަމިއްލަ ޔޫޓިއުބު އެކައުންޓެއް ހިންގަމުން އަންނަ އެކްޓަރުގެ ފޮލޯވާސްގެ ޢަދަދު 2.8 މިލިއަނަށް އަރާއިރު މުމްބާއިގެ ތަފާތު އެކި ބޮޑީ ބިލްޑިންގް މުބާރާތްތަކުން ސާހިލްވަނީ އެވޯޑްވެސް ހާސިލުކޮށްފައެވެ.