03 May 2012, 15:29
މި މަހުގެ އެކަކުން ފެށިގެން އެމްވީކޭއިން މާލޭގައި ދޭ ބަހުގެ ހިދުމަތުން ޖީއެސްޓީ ނަގަންފަށާފައިވާ ކަމަށް އެ ކުންފުނިންބުނެފި އެވެ.
އެމްވީކޭގެ އިސް އޮފިޝަލަކު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ މި މަހުން ފެށިގެން ޖީއެސްޓީގެ ގޮތުގައި 30ލާރި ވިއްކާ ކޮންމެ ޓިކެޓަކުން ނަގަނީ ޖީއެސްޓީ ނެގުމުގެ ގާނޫނުގައި ދަތުރުފަތުރުގެ ހިދުމަތުން ޖީއެސްޓީ ނެގުމަށް ލާޒިމްކޮށްފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެން މިއަންނަނީ ބަރާބަރަށް ޖީއެސްޓީ ދައްކަމުން އެހެންކަމުން ޓެކުސް ނުނަގާ އަޅުގަނޑު މެނަށް މިހިދުމަތް ދެވޭކައް ނެތް، އެއީ އަޅުގަނޑުމެން މީރާއަށް ޖީއެސްޓީ ދައްކަން އެބަޖެހޭ" އޭނާ ވިދާޅުވި އެވެ.
އެމްވީކޭ އިން ބުނީ ޖީއެސްޓީގެ ގޮތުގައި 30 ލާރި ނެގުމަކީ ދަތި ކަމެއް ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކޮށް ވާކަށްވެސް ނެތް ކަމަށެވެ.
"ކޮންމެ ޓިކެޓަކުން 30 ލާރި ނަގަން ޖެހުމުން ހަގީގަތުގަ ވަރަށް އުދަގޫ ތަކާ ކުރިމަތިވޭ" އޭނާ ވިދާޅުވި އެވެ.
އެމްވީކޭއިން ދޭ ބަހުގެ ހިދުމަތް ފަށަފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. އޭރު ބަހުގެ ހިދުމަތް ދެމުން ގެންދިޔައީ 5ރ އަށެވެ. ނަމަވެސް ޖީއެސްޓީ ނަގަން ފެށުމުން ބަސް ޓިކެޓުގެ އަގަގީ 5.30ރ އަށެވެ.
ދަތުރުފަތުރުގެ ހިދުމަތުން ޖީއެސްޓީ ނެގޭ ނަމަވެސް އެމްޓީސީސީން އޮަޕަރޭޓް ކުރާ ވިލިމާލެ އާއި ހުޅުމާލޭ ފެރީ ދަތުރުން ޖީއެސްޓީއެއް ނުނަގަ އެވެ.