ރިލީޒްކުރާނެ ތާރީޚެއްގެ އިންތިޒާރުގައި ބެލުންތެރިން ތިބި ފިލްމު "މެރީ ކްރިސްމަސް" މިއަހަރުގެ ޑިސެމްބަރު 15ގައި ރިލީޒްކުރަން ނިންމައިފިއެވެ.

މިފިލްމަކީ، ބަތަލާ ކެޓްރީނާ ކައިފްއާއި ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތީ އެކީގައި ލީޑްރޯލް ކުޅޭ ދެ ތަރިންވެސް އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ. ތަމަޅަ ފިލްމުތަކުގެ އިތުރުން ބައެއް ހިންދީ ފިލްމު އަދި ވެބް ސީރީސްވެސް ކުޅެފައިވާ ވިޖޭ ގިނަ ބެލުންތެރިން ދަންނަނީ ވަރުގަދަ ވިލެންއެއްގެ ގޮތުގައެވެ.

ފިލްމު "މެރީ ކްރިސްމަސް"އަކީ، ޤައުމީ އެވޯޑް ހޯދާފައިވާ ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ ފިލްމެކެވެ. ސްރީރާމްއަށް ޤައުމީ އެވޯޑް ލިބިފައިވަނީ 2018ވަނަ އަހަރު އުފެއްދި ފިލްމު "އަންދާދުން"އިންނެވެ.

ކެޓްރީނާގެ މި ސަސްޕެންސް ތުރިލާއިން ފެންނާނެ އިތުރު ފިލްމީ ތަރިންގެ ތެރޭގައި އެކްޓަރު ސަންޖޭ ކަޕޫރު، ވިނޭ ޕަތަކު އަދި ރާދިކާ އަޕްތޭ ހިމެނެއެވެ. މިފިލްމު ހިންދީ ބަހުންނާއި ތަމަޅަ ބަހުން ރިލީޒްކުރާއިރު ޑައިރެކްޓަރު ސްރީރާމް ބުނެފައިވަނީ މިއީ އެއް ނަމެއްގައި ރިލީޒްކުރާ ދެ ފިލްމުކަމަށެވެ.

ހިންދީ އަދި ތަމަޅަ ފިލްމުގައި ކެޓްރީނާއާއި ވިޖޭ ލީޑް ރޯލްއިން ފެންނައިރު ދެ ފިލްމުން ފެންނަ އެހެން އެކްޓަރުން ތަފާތުވާނެކަމަށް ސްރީރާމްވަނީ ބުނެފައެވެ. ވިޖޭއަކީ ސައުތު ސިނަމާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރަކަށްވުމުން ތަމަޅަ ބަހުން ގެނެސްދޭ ފިލްމު ބޭނުންވީ ވީހާވެސް ބޮޑަށް ތަމަޅަ ފިލްމުތައް ބަލާ އޯޑިއަންސާ ރައްޓެހިގޮތަކަށް އުފައްދަންކަމަށް ސްރީރާމްވަނީ ބުނެފައެވެ.

ކެޓްރީނާގެ ކުރިޔަށްހުރި ފިލްމުތަކުގެތެރެއިން އެންމެ އަވަހަށް ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު 10ގައި ރިލީޒްކުރާ ފިލްމު "ޓައިގާ3"އެވެ.

މިފިލްމު ރިލީޒްކުރުމަށް ކުރިން ނިންމާފައި އޮތީ މިއަހަރުގެ އޭޕްރިލް މަހުއެވެ. ކެޓްރީނާގެ ފިލްމެއް ނޮވެމްބަރު މަހު ސިނަމާތަކަށް އަންނައިރު ވިޖޭ ވިލެންގެ ރޯލްއިން ފެންނަ ފިލްމު "ޖަވާން"ވެސް މިއަހަރުގެ ސެޕްޓެމްބަރު ހަތެއްގައި ރިލީޒްކުރުމަށްވަނީ ނިންމާފައެވެ. މިއީ ޑައިރެކްޓަރު އަތުލީގެ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާވެސް ރިލީޒްކޮށްފައިވާއިރު "ޖަވާން"އިން ވިޖޭއާއި ޝާހްރުކް ޚާންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެއެވެ.