އަންނަ ރިޔާސީ އިންތިޚާބުގައި ފ. އަތޮޅާއި މ. އަތޮޅު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ވަޑައިގެން ވ. ފުލިދޫގައި ހުންނަވާ މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސް ޞާލިޙު މިހެން ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުހޯދުނު ދެ އަތޮޅަކީ މ. އަތޮޅާއި ފ. އަތޮޅުކަން ފާހަގަކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބަށް ފާހަގަކުރެވުނު އެންމެ ބޮޑު ކަމަކީ މި ދެ އަތޮޅުން ތާއީދު އިތުރުވެފައި ވުމެވެ.

އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ބޮޑު އެއް ކަމަކީ، 2018 ވަނަ އަހަރާއި ޚިލާފަށް ޚާއްސަކޮށް މ. އަތޮޅުގެ ތާއީދު އިތުރުވެފަ އޮތްކަން. އަޅުގަނޑުމެންނަށް 2018 ވަނަ އަހަރު ކުލަ ނުޖެއްސުނު ދެ އަތޮޅަކީ މ. އަތޮޅާއި ފ. އަތޮޅު. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ މިފަހަރު މ. އަތޮޅުވެސް އަދި ފ. އަތޮޅުވެސް ތަފާތު ބޮޑުކޮށް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެތަން.ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް ޞާލިހު ވ. ރަކީދޫއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ ކެމްޕޭން ޓީމް

އޭގެ އިތުރުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ވ. އަތޮޅުން ވެސް މާބޮޑު ބަދަލެއް އައިއްސަ އޮތްތަން ނުފެންނަ ކަމަށާއި އެ އަތޮޅު ކާމިޔާބުކުރެވޭނެ ކަމަށް ވެސް ރައީސް ޞާލިޚު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުގައި މ. އަތޮޅުން އެމްޑީޕީއަށް 49.2 ޕަސެންޓު ހާސިލްވިއިރު ފ. އަތޮޅުން އެމްޑީޕީއަށް ހާސިލުވީ 49.3 ޕަސެންޓެވެ. މި ދެ އަތޮޅުގެ މެޖޯރިޓީ ޕީޕީއެމްގެ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.