18 Jul 2023, 08:30
ލަޔާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
*******
"އަހަރެން އެކަން ކުރީ ލަޔާ ހާސިލުކުރާކަށް ނޫން... ފަހަރެއްގަވެސް ހީނުކުރާތި އަހަރެން އަމިއްލަ އެދުން އިސްކުރީއޭ... ލަޔާގެ ހަޔާތަށް އިންސާނަކު އައިނަމަ، އަހަރެން އެގޮތަށް ކަންތަކެއް ނުކުރާނަން..." ލަޔާލްއަށް ވެދާނެ ގޮތެއް ނޭނގޭތީ ފިޒާލް ވާހަކަ ދެއްކީ ވިސްނައިގެންނެވެ. ފިޒާލް ހީކުރީ ލަޔާލްއަށް ހަގީގަތް ނޭނގޭ ކަމަށެވެ.
އޮފީހުގެ އަހަރީ ޖަލްސާ އޮތް ދުވަހު ލަޔާލް ތުނޑިއަށް ދިޔަ ވާހަކަ ބުނި ހިސާބުން ފިޒާލްގެ ބޮލުގައި ރިއްސާލިއެވެ. ރޭގަނޑުގެ ވަގުތެއްގައި އަންހެން ކުއްޖަކު އެކަނި ބިރެއްނެތި ފުއްޓަރާއި ދިމާއަށް ދިޔުމަކީ، ފިޒާލް ދެކުނުގޮތުގައި އާދަޔާ ހިލާފު ކަމެކެވެ. ފަންޑިތަ ހެދުމަށް މަޝްހޫރު މުހައްމަދާއި އޭނާ ބައްދަލުކުރީ ލަޔާލްގެ ފަރާތުން އެދުވަހު ފެނުނު އާދަޔާ ހިލާފު ކަންތައްތަކުގެ ސަބަބުން ހަގީގަތް ހޯދާށެވެ. އެކަމަކު އެނގިގެންދިޔަ ހަގީގަތެއްގެ ސަބަބުން، ލަޔާލްގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅަން އޭނާއަށް މަޖުބޫރުވީއެވެ. އެއީ ފަހަރެއްގައިވެސް ލަޔާލް ހޯދުމަށް ނޫނީ ދެރައެއް ދިނުމުގެ ނިޔަތުގައި އޭނާ ކުރި ކަމެއް ނޫނެވެ.
"ކިހިނެއް ފިޒާލްއަށް އެކަން އެނގުނީ؟...." ލަޔާލްގެ މޫނުން ފެނުނީ ހާސްކަމެވެ.
"ތީގެ މާނައަކީ އެއީ އިންސާނެއް ނޫންކަން ލަޔާއަށް އެނގެއޭތަ؟..." ފިޒާލް ހައިރާންވެފައި ލަޔާލްގެ މޫނަށް ބަލައިލިއެވެ. ލަޔާލްގެ މޫނުން އޭނާ ބޭނުންވި ޖަވާބު ލިބުނުވެސްމެއެވެ.
"ވެދިޔަ އެއްވެސް ކަމެއްގަ އަހަރެން ފިޒާލް ކުށްވެރިއެއް ނުކުރަން... އެކަމަކު..." ލަޔާލް އޭނާ ބުނަން އުޅުނު ޖުމުލަ ހުއްޓައިލިއެވެ. ފިޒާލްއާއި ދުރަށްދާން ލަޔާލް ބޭނުމެއް ނުވެއެވެ. އެކަމަކު، އެވާހަކަ ބުނަން އޭނާއަށް ފަސްޖެހެވެނީއެވެ.
"އަހަރެން ލަޔާއާ ދުރުގަ ހުރީ ލަޔާ ދެކެ ލޯބި ނުވާތީއެއް ނޫން..... އަދި ލަޔާ އާއި އެކީ އުޅެން ބޭނުން ނުވާތީކީވެސް ނޫން..... އަހަރެންގެ ފަރާތުން ލަޔާއަށް ދެރައެއް ލިބެން ނޭދޭތީ..... އަހަރެންގެ ގާތް މީހެއްގެ ފަރާތުން ލަޔާއަށް އެވަރުގެ ބޮޑުކަމެއް ކުރިމަތިވީމަ ލަޔާގެ ކުރިމައްޗަށް އަރަން ފަސޭހަ ކަމަކަށްނުވީ...... އަހަރެން ހީކުރީ ލަޔާ ބޭނުންވާނީ އަހަންނާ ދުރަށްދާން ކަމަށް... އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ލަޔާއާއި ވަކިވާކަށް..... އަހަރެން ލަޔާ ދެކެ ވަރަށް ލޯބިވޭ.... ވަރަށް ބޮޑަށް ލޯބިވޭ....." ފިޒާލް ކުރިއަށް ޖެހިލައި ލަޔާލްގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
ފިޒާލްގެ ދުލުން ބުނި ކޮންމެ ޖުމުލައެއް ލަޔާލްގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އެކަމަކު އޭނާ މާޔޫސްވަނީއެވެ. ދަރިއަކު ނުލިބޭކަން އެނގުމުން ފިޒާލަށް ވާނީ ކިހިނެއް ހެއްޔެވެ؟ ލަޔާލާއި އެކުގައި އުޅެން ބޭނުންވާނެ ހެއްޔެވެ؟ ލަޔާލް އޭނާގެ ބޮޑު ސިއްރު ފިޒާލްގެ ކުރިމަތީގައި ހާމަކުރުމަށްފަހު، ފިޒާލަށް ފުރަގަސްދިނެވެ. ލަޔާލް އެދުނީ އެކަމަށް ރިޔާއަތްކޮށް ދިރިއުޅުމުގެ ހުންގާނުގައި ހިފުމަށެވެ. ފިޒާލް ބޭނުންނަމަ، ލަޔާލް ދޫކޮށްލުމަކުންވެސް އެއްވެސް މައްސަލައެއް ނެތްކަމުގައެވެ.
"އަހަރެންގެ އުފާވެރިކަމާއި ދޭތެރޭ ލަޔާ ވިސްނަންތަ؟....." ފިޒާލް ކޮށްލީ މާނަ ފުން ސުވާލެކެވެ. ލަޔާލް މަޑުމަޑުން ބޯޖަހާލިއެވެ.
"ދެން ކީއްވެ؟.... ލަޔާ ހީކުރީ އަހަރެން މީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަށްތަ؟... އެކަކު އަނެކަކަށް ދެރަކަމެއް ދިމާވީމަ، ދުރަންދާންވީ ކީއްވެ؟... އަހަރެން ލަޔާދެކެ ލޯބިވަނީ ލަޔާގެ ފަރާތުން މާގިނަ އެއްޗެހިތަކެއް ބޭނުންވެގެނެއް ނޫނޭ..." ފިޒާލްގެ އަޑު ވަނީ ކުރެހިފައެވެ. ލަޔާލަށް ވިސްނައިދޭން އޭނާ ކުރަންވީ ކޮން ކަމެއްބާއޭ ފިޒާލްގެ ހިތަށް އެރިއެވެ.
ފިޒާލް ލަޔާލްގެ ކުރިމައްޗަށް އެރިއެވެ. ލަޔާލްގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލާލިއެވެ. ފިޒާލްގެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފެނި ލަޔާލްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ވަގުތުން ފިޒާލްގެ މޭގެތެރޭގައި ބޮނޑިވެލިއެވެ. ދުވަހަކުވެސް އެއަތުގެ ތެރެއިން ނުކުމެގެން ދާން ބޭނުމެއް ނޫނޭ ބުނާ ފަދައިންނެވެ.
"އަހަރެން ވެސް ފިޒާލްދެކެ ލޯބިވޭ.... ދުރުވާކަށް ބޭނުމެއް ނޫން..." ލަޔާލްގެ ދުލުން އެ ޖުމުލަތައް ބޭރުވީ އޭނާގެ އިހުތިޔާރުން ބޭރުގައެވެ. ފިޒާލަށް ހިނިތުންވެލެވުނެވެ.
ސަކީނާމެންގެ އެދުމުގެމަތިން ފިޒާލް އާއި ލަޔާލްގެ ދިރިއުޅުމުގެ އައު ބާބެއް ފެށުނީ ލަޔާލްގެ ގޭގައެވެ. ސާމިޔާމެންގެވެސް ރުހުމާއި އެކުގައެވެ. ވަރިވާން ކޯޓަށް ފޯމު ހުށަހެޅުނީތީ ފިޒާލް އެކަމާއި ހިތާމަކުރިއެވެ. ސަކީނާމެންގެ ކިބައިން މައާފަށްވެސް އެދުނެވެ. އަމިއްލަ ދަރިފުޅަށްޓަކައި، ސަކީނާ ހުރީ ކަރުނަތައް ހިންދާލައިގެންނެވެ. ފިޒާލާއި ދޭތެރޭގައި ހިތުގައި ކިތަންމެ ޝަކުވާއެއްވިޔަސް، އޭނާ އެކަމެއް ނުދައްކައެވެ. ފިޒާލަކީ އަހުލާގު ރަނގަޅު ކުއްޖެކެވެ. ލަޔާލާއި އެންމެ އެކަށީގެންވަނީ ފިޒާލެވެ. ވީއިރު، ސަކީނާ ފިޒާލަށް މައާފު ނުކުރަންވީ ސަބަބެއް ނެތެވެ.
ލަޔާލްގެ ބައްޕަގެ ހާލު ބޮޑުވެ، މާލެ ގެންދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. ސަކީނާ ހިތްވަރުކުރިއެވެ. ފިރިމީހާއަށް ހިތްވަރު ދިނުމަށް އޭނާ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައެއް ނުލައެވެ.
ލަޔާލް ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު، ފޮށިތަންމަތި ތައްޔާރުކުރުމުގައި ފިޒާލާއި ސަކީނާ ގޭތެރޭގައި އުޅެއެވެ. ރޭގަނޑުގެ ވަގުތުކަމުން މާހައުލަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ބޭރު ޖޯލިފަތީގައި އޮށޯތުމަށްފަހު ލަޔާލް ދެލޯ މަރާލިއެވެ.
"ލަޔާ...." ލަޔާލް ސިހުނީ ދާދި ކައިރިން މީހަކު ގޮވާލި އަޑު އިވުމުންނެވެ.
ލަޔާލްގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ކުރިމަތީގައި އެހުރީ އަކިއަލްއެވެ. އެއީ އިންސާނެއް ހެއްޔެވެ؟ ނޫނީ ޖިންނިއެއް ހެއްޔެވެ؟ ލަޔާލަށް ވަގުތުން ޖޯލިން ތެދުވެވުނެވެ. ކުރިމަތީގައި ހުރީ ކޮންމެ މީހަކަސް، އިންސާނަކަށް ނުވާނެނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ ލަޔާލްގެ ހިތަށް އެރިއެވެ. އެއީ އޭނާ ދުވަހަކުވެސް އަކިއަލްގެ ކުރިމައްޗަށް އަރަން ބޭނުން ނުވާތީއެވެ.
"ލަޔާ.... ޕްލީޒް ވެއިޓް..... އަހަރެން މިއައީ ލަޔާގެ ކިބައިން މާފަށް އެދެން...." އަކިއަލް ލަޔާލްގެ ކުރިމައްޗަށް އެރިއެވެ.
"ހުންނަ ނުބައިކަން...." ގޭތެރެއިން ނުކުތް ސަކީނާއަށް ފެނުނު މަންޒަރުން ދެބުމަގޮށްޖެހުނެވެ. "މަގޭ ދަރީގެ ދިރިއުޅުން ކާލައިގެން އަދިވެސް ބަނޑު ނުފުރެނީތަ؟..... ނުކުމޭ މިގެއިން..... ނުކުމޭ ހަމަ މިހާރު..... " ސަކީނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލަޔާލްގެ ކުރިމައްޗަށް އެރިއެވެ.
"އަހަންނަކަށް ހަމަޖެހުމެއް ނުލިބޭ.... ރޭގަނޑު ނުނިދޭ.... ނުއެއް ކެވޭ...... ދެލޯ މަރާލާއިރަށް ފެންނަނީ ބިރުވެރި ސިފަސިފައިގަ ތިބޭ އެއްޗެހި... އެކަނި ހުންނައިރު އިވެނީ ބިރުވެރި އަޑުތައް.... މުހައްމަދު ހެދި ފަންޑިތައިން އެއްކަމެއްވެސް ނުވި... އެ ޖިންނި މާ ބާރުގަދަ... އޭތި ހުރީ މިނިވަންވެފަ..." އަކިއަލް ލަޔާލްގެ ފައިދަށަށް ތިރިވިއެވެ. ލަޔާލަށް ވަގުތުން ދުރަށް ޖެހިލެވުނެވެ. "އޭތި ކައިރީ ބުނެދީ އަހަންނަށް އަނިޔާ ނުކުރާށޭ... އަހަރެން ދެން ދުވަހަކުވެސް ލަޔާއަށް ދެރަގޮތެއް ނުހަދާނަން... ލަޔާ ފެންނަ ހިސާބަށްވެސް ނާންނާނަން..."
ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެއެވެ. އެކުށަށް މައާފަށް އެދުމުން މައާފުކުރާނީ އެންމެ ހެޔޮ މީހުންނެވެ. އަކިއަލްއަށް މައާފުކުރުމަށް ލަޔާލް ނިންމީ، ހެޔޮވިސްނުން ލިބުނީކަމަށް ބަލާފައެވެ.
"އަހަރެން އަކިއަލް އަށް މާފުކޮށްފިން..... އެކަމަކު، ދެން ދުވަހަކުވެސް އަހަރެންގެ ކުރިމައްޗަށް އަރައިގެން ނުވާނެ..." ލަޔާލަށް ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ.
"ކޮން ޖިންނިއެއްގެ ވާހަކައެއް އެ ދެއްކީ؟..." އަކިއަލް ދިޔަ ދިމާއަށް ބަލަން ހުރި ސަކީނާ ލަޔާލްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
"އޭނަ އެހުރީ މޮޔަވެފަ..." ސަކީނާ ހާސްވެދާނެތީ ލަޔާލް ވާހަކަ އޮޅުވައިލިއެވެ.
"އުޅެވޭ ގޮތުންނޭ މޮޔަވެސް ވަނީ..." ސަކީނާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "ތިތާ ނުހުރެ އިހަށް ހިނގާ އެތެރެއަށް... ބޯޓު އަދި އެކޮޅުން ނައްޓާނުލަޔޯ..." ގެއާއި ދިމާއަށް ހިނގައިގަންނަމުން ސަކީނާ ބުންޏެވެ.
އަކިއަލް ދިޔަ ދިމާއަށް ބަލަން ލަޔާލް ހުއްޓެވެ. ފިޒާލް އައިސް ލަޔާލްގެ އަތުގައި ހިފާލިއެވެ. އަކިއަލްއަށް މައާފުކުރަން ލަޔާލަށް ފަސޭހަ ނުވާނެކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ ފިޒާލެވެ. އެކަމަކު، ލަޔާލް އެ ދެއްކީ ކޮންފަދަ ރިވެތި ނަމޫނާއެއް ހެއްޔެވެ؟ ފިޒާލް ހިނިތުންވެލިއެވެ.
"އައި ލަވް ޔޫ...." ސަކީނާ ގޭތެރެއަށް ވަނުމުން، ފިޒާލް ލަޔާލާއި ގާތްވެލިއެވެ. ލަޔާލްގެ އަތުގައި ހިފައި ފިޒާލް އާއި ގާތަށް ދަމާލިއެވެ. ފިޒާލްގެ އެއަމަލުން ލަޔާލް ލަދުގަންނަ ގޮތްވިއެވެ.
"ނުބުނާނަންތަ؟..." ފިޒާލް އަހައިލިއެވެ.
"ކޯއްޗެއް؟..." ލަޔާލް ނޭނގޭކަމަށް ހެދުނެވެ.
ފިޒާލް ހީގަނެފައި އޭނާގެ އަތުގެ ތެރޭގައި ލަޔާލް އިތުރަށް ގައިދުކޮށްލިއެވެ. ދުވަހަކު ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ފިޒާލްގެ އެފަދަ ލޯބިވެތި ސިފަތަކަކީ، ލަޔާލްގެ ހިތް ފަތަހަކުރުމަށް އޭނާ ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރެވެ.
"މަންމަމެން އައިސްދާނެ..." ލަޔާލް ހާސްވިއެވެ.
"ލޯބިވެޔޭ ބުނީމަ ދޫކޮށްލާނީ..." ފިޒާލް ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ.
"ވަރަށް ލޯބިވޭ.... ވަރަށް ލޯބިވޭ..." ލަޔާލް އަވަސް އަވަހަށް ބުންޏެވެ.
"މަޖުބޫރުވެގެންތަ ތިބުނީ؟..." ފިޒާލްގެ ލާނެތް އަޑުން ލަޔާލް ހެއްވާލިއެވެ.
ދޮރުމަތީގައި ތިބި ސާމިޔާމެން ފެނުމުން، ލަޔާލް އަވަސް އަވަހަށް ފިޒާލް ކޮއްޕައިލިއެވެ. ނުވިސްނާ ހުރިނަމަ، ފިޒާލް ވެއްޓުނީހެވެ. ސާމިޔާމެން އައީ ލަޔާލްމެން މާލެދާތީ ބައްދަލުކޮށްލުމަށެވެ.
"ބޯޓު އަދި ނާދޭ ދޯ؟..." ކަންތައްވެފައި އޮތްގޮތުން ސާމިޔާ ހުރީ ވާހަކަ ދައްކަން ނުކެރިފައެވެ. "ގަޑިއެއްހާއިރުތެރޭ އަންނާނެ ކަންނޭނގެ..."
ލަޔާލް ހިނިތުންވެލުމުން ސާމިޔާގެ ހިތަށް ފިނިވެގެން ދިޔައެވެ. ލަޔާލަކީ ހިތްހެޔޮ ކުއްޖެއްކަން އޭނާއަށް އެނގެއެވެ. ފިޒާލްމެން މަގުމައްޗަށް ނުކުތުމުން، ސާމިޔާ ލަޔާލްގެ ކައިރިއަށް ޖެހިލިއެވެ. އަކިއަލްއަކީ އަމިއްލަ ދަރިއެއްކަމަކު، ވެދިޔަ ކަންތަކަށްފަހު، ސާމިޔާއަށް އެރުނީ ލަޔާލްގެ ކޮޅަށެވެ. އަކިއަލްގެ ބައްޕައާއި ހިލާފަށް ދަރިން ކުރާ ނުބައި ކަންކަމަށް އެއްބާރުލުންދޭން ސާމިޔާ ބޭނުމެއް ނުވެއެވެ.
"ބައްޕައާ ދޭތެރޭ ގޯސްކޮށް ނުވިސްނައްޗޭ..." ސާމިޔާ ހުރީ ދެރަވެފައެވެ. "ފިޒާލްގެ ބައްޕަ އަކިއަލްއަށް ހާއްސަގޮތެއް ބަހައްޓަނީ ފިޒާލްދެކެ ލޯބިނުވާތީއެއް ނޫން... ނޫނީ ދަރިފުޅަށް ދެރައެއް ދޭކަށްވެސް ނޫން... އަކިއަލްއަކީ ކުޑައިރުއްސުރެވެސް ސިކުނޑީގެ މައްސަލަ ހުންނަ ކުއްޖެއް..... އެހެންވެ އަކިއަލް ކުރާ ކަންތައް ހުއްޓުވަން ބައްޕަ އެހާވަރުން ނޫޅެނީ... އެކަމަކު، މިފަހަރު އަކިއަލް ހުއްޓުވަން ބައްޕަވެސް މަސައްކަތްކުރި... އަހަރެމެން ހިއެއް ނުކުރަން އަކިއަލް އެހާ ނުބައި ކަމެއް ކޮށްފާނެކަމަކަށް... ބައްޕަވެސް ހުރީ ވަރަށް ދެރަވެފަ..."
އިސްކޫލު ދައުރުން ފެށިގެންވެސް އަކިއަލްއަށް ހާއްސަ އަންހެން ކުއްޖަކު ހުންނަކަން ގޭގެ އެންމެނަށްވެސް އެނގެއެވެ. އެކަމަކު އަކިއަލް އޮތީ އެއީ ކޮން ކުއްޖެއްކަން ސިއްރުކޮށްފައެވެ. އޭނާ ހުރީ ފަރުވާކޮށްގެން އައިސް ލަޔާލާއި ކައިވެނިކުރަން ނިންމައިގެންނެވެ. އެކަމަކު، އެނބުރި އައިއިރު ވަގުތު އޮތީ ފާއިތުވެފައެވެ. ކުރި ފަރުވާއިން އަކިއަލްއަށް ވީ މޮޅެއް ނެތެވެ. ލިބުނު ޝޮކުގައި ސިކުނޑީގެ މައްސަލަ ބޮޑުވެ، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގުނީއެވެ.
ލަޔާލް ހެޔޮ ހިތުން އެންމެންނަށް މައާފުކުރިއެވެ. ދިރިއުޅުމުގެ ހުރިހާ އުނދަގޫ ބާބަކުން މިންޖުވުމަށް ލަޔާލަށް އެހީވީ ފިޒާލެވެ. އުފަލާއި ހިތާމައިގައި ބައިވެރިވިއެވެ. ކޮންމެ ބޮޑުކަމެއްގައި އެހީތެރިވެދިނެވެ. މިއަދު ފިޒާލަކީ ލަޔާލްގެ ހިތުގެ ވިންދެވެ. ދުވަހަކުވެސް ފިޒާލާއި ވަކިވާކަށް ލަޔާލް ބޭނުމެއް ނުވެއެވެ. އެކަމަކު، ލަޔާލްގެ ހިތުގައި ނުފިލާ ހަނދާނެއް ވިއެވެ. އެއީ އޭނާގެ އަލަތު ލޯބީގެ ފޮނި ހަނދާނެވެ. އިންސާނަކަށް ނުވިއެއްކަމަކު، އުގައްޔިލް ވަނީ ލަޔާލްގެ ލޯބި ހާސިލުކޮށްފައެވެ. އެއީ ކުޑަ ވަގުތުކޮޅަކަށް ލަޔާލްގެ ހަޔާތަށް އައި މެހެމާނެކެވެ. އެހެން ނަސްލެއްގެ މަހުލޫގެކެވެ. އެކަމަކު، ތެދުވެރިއެވެ. އުގައްޔިލް ވައުދުވީ ފަދައިން ލަޔާލްގެ ދިރިއުޅުމަށް އެނބުރި ނާދެއެވެ. އުނދަގުލެއް ނުކުރެއެވެ. ވާހަކަތަކާއި ފިލުމުތަކުގައިވާ ފަދައިން ލަޔާލް ދުނިޔެއިން މޮޔައެއް ނުވެއެވެ. އެކަމަކު، އުގައްޔިލްގެ ހަނދާން ލަޔާލްގެ ހިތުގެ ކަނެއްގައި ނުފިލާ ހުއްޓެވެ. ދުރުގައި ހުއްޓަސް، އެ ހަނދާން އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
(ނިމުނީ)
ނޯޓް: މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ. އަދި މިއީ އަޅުގަނޑުގެ ދެވަނަ ވާހަކަކަންވެސް މިފުރުސަތުގައި ފާހަގަކޮށްލަމެވެ. މިއީ ކުރިން ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ވާހަކައެއް ނަމަވެސް، މިހާރު އެއްވެސް ސައިޓަކުން މިވާހަކަ ކިޔާލަން ނުލިބޭނެތީ، މިސައިޓުގައި ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމީއެވެ. މިފުރުސަތުގައި ވާހަކައަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ޝުކުރުއަދާކުރަމެވެ.