17 Jul 2023, 22:43
ގއ. ކޫއްޑޫ އާއި ކ. ކަނޑުއޮތްގިރި އާއި މ. މުލަކުގައި ކޯލްޑް ސްޓޯރޭޖް ހަދައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މި ތިން ރަށުގައި ކޯލްޑް ސްޓޯރޭޖް ހެދުމަށް ހުޅުވާލި ބީލަންތަކުގައި ވަނީ، މީގެ ތެރެއިން ކޫއްޑޫގައި ހެދުމަށް ހަމަޖެހިފައިވަނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެކެވެ. ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމަށް ހަމަޖެހިފައި ވާއިރު، މުލަކުގައި ހެދުމަށް ހަމަޖެހިފައި ވަނީ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.
މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން މިހިނގާ ޖުލައިމަހުގެ 30 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މިމަހުގެ 30 އިން އޮގަސްޓްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މަޝްރޫޢުގެ ސައިޓުތަކަށް ޒިޔާރަތްކުރުން އޮންނާނެއެވެ. ބީލަން ހުޅުވުން އޮންނަނީ އަންނަ އޮގަސްޓްމަހުގެ 20 ވާ އާދިއްތަދުވަހެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި ދީފައިވަނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުންނެވެ.
ކޮންމެ އަހަރަކު ވެސް ވަކި ދުވަސްވަރެއްގައި މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވި މަސްވެރިން ކިޔުގައި ތިބެން ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. ސަރުކާރުން ބުނާ ގޮތުގައި މިކަން ހައްލުވާނީ ކޯލްޑް ސްޓޯރޭޖް އިތުރުކޮށްގެން މަސް ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންނެވެ.